އިންތިގެ އިސްލާހު ބަލައިނުގަތުމަށް ޓްރާންސްޕޭރަންސީން ގޮވާލައިފި

ގާނޫނު އަސާސީގެ 262 ވަނަ މާއްދާއަށް ބަދަލެއް ގެންނަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިނުގަތުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އ...

03 Oct 2023 | 02:08

ގާނޫނު އަސާސީގެ 262 ވަނަ މާއްދާއަށް ބަދަލެއް ގެންނަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިނުގަތުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން މިކަމަށް ގޮވާލާފައިވަނީ މި ކަމާއި ގުޅޭގޮތުން ރޭގައި ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ޓްރާންސްޕޭރެންސީން ބުނެފައިވަނީ ގާނޫނު އަސާސީއަށް މިހާރު ހުށަހަޅާފައިވާ ބިލުގެ ސަބަބުން، ގާނޫނު އަސާސީއަށް ގެންނަ ބައެއް އިސްލާހުތަކަށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުގެ ކުރިން، ރައްޔިތުންނަށް އެކަމާމެދު ރުހުން ދިނުމަށް އޮންނަ ބާރު ގެއްލިގެންދާނެއެވެ. ގާނޫނު އަސާސީއިން ރައްޔިތުންނަށް ދީފައިވާ މި ބާރުގެ ބޭނުމަކީ އެއިރަކު އިންތިހާބުވެފައިވާ ބަޔަކަށް ފެންނަ ގޮތަކަށް ރައްޔިތުންނާއި ގުޅުން ހުރި މުހިންމު މާއްދާތަކަށް ރައްޔިތުންގެ ރުހުމާ ނުލާ ބަދަލު ގެނައުމުގެ ފުރުސަތު ނުދިނުން ކަމަށެވެ.

"ރައްޔިތުންނަށް ދީފައިވާ ބާރު ހަނިވާ ގޮތަށް ގާނޫނު އަސާސީގެ 262 ވަނަ މާއްދާއަށް ގެންނަ އެއްވެސް ބަދަލަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ." އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އެގޮތުން ޓްރާންސްޕޭރެންސީން ވަނީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުހިންމު މާއްދާތަކަށް، މީގެ ތެރޭގައި "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގެ މާއްދާތަށް ހިމެނޭ ގޮތަށް، ރައްޔިތުންގެ ރުހުމާއި ނުލާ އިންތިހާބުކޮށްފައި ތިބޭ މީހުންނަށް ބަދަލު ގެނައުމުގެ ބާރު ލިބިދޭގޮތަށް އޮތް މި ބިލު ބަލައިނުގަތުމަށް މަޖިލީހުގެ ހުރިހާ މެންބަރުންނަށް ގޮވާލާފައެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެްނ އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައެވެ. އަދި ހަމަ އެފަދައިން ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާގޮތުގައި، ގާނޫނު އަސާސީގެ ދެވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) (ރައްޔިތުންގެ މަޖިލީހުގެ އުމުރު)، ގާނޫނު އަސާސީގެ 107 ވަނަ މާއްދާ (ރިޔާސަތުގެ ދައުރު) އާއި 108 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔ އިންތިހާބު ކުރާ ގޮތް) މިއިން އެއްވެސް މާއްދާއަކަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވާނީ އެ އިސްލާހު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިސްލާހު ގެނައުމަށް، ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިގެންނެވެ.

މި މާއްދާއަށް މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ 02 އޮކްޓޯބަރު 2023 ގައި ހުށަހަޅާފައިވާ އިސްލާހުގައި، ކަމަކާއި ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ކަމެއްގައި، ގާނޫނު އަސާސީގައި އެކަމަކާއި ގުޅިގެން އިސްލާހެއް ގެންނަ ނަމަ، މިއީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ މާއްދާތަކާ ގުޅޭ ކަމެއް ކަމުގައި ވީނަމަވެސް، އެ އިސްލާހު ތަސްދީގު ކުރުމުގެ ކުރިން އިތުރު ފެންނަ ނުފެންނަ ވޯޓެއް ނަގާކަށް ނުޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް