ގެއްލުނު ޒުވާނާ ހޯދުމަށް ހިންގި ތަޙުޤީޤާ މެދު އުފެދޭ ސުވާލުތަކަށް ޖަވާބުދާރީވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން މުއައައްސަސާތަކަށް ގޮވާލައިފިއެވެ.
މިކަމަށް ގޮވާލައި އެމްއާރްއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު އުމުރުން 27 އަހަރުގެ މުހައްމަދު އަޒްހާން ހޯދުމަށް ފުލުހުން ހިންގި ތަޙުޤީޤާ މެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދިފައިވާކަމަށެވެ.
"އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދާރީވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އިން ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލަން" އެމްއާރްއެމްއިން ބުނެފައިވެއެވެ.
އެމްއާރްއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި މިކަމާ ގުޅޭގޮތުން މީޑިއާތަކުން ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި، އަޒްހާންގެ ހަށިގަނޑު އިއްޔެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުސްބިމަކުން ވަނީ ފެނިފައެވެ. އަދި ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި އެހެންކަމުން ޕޯސްޓްމޯޓަމް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އަޒްހާންގެ މަރުގެ މައްސަލަ ފުލުހުން "ހޮމިސައިޑް" ތަޙުޤީޤެއްގެ ގޮތުގައި ބަލަމުން އަންނަ އިރު، އޭނާ ހޯދުމަށް ފުލުހުން ހިންގާފައިވާ ތަޙުޤީޤާ މެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާކަމަށާއި އެގޮތުން އަޒްހާން ގެއްލިގެން ރިޕޯޓު ކުރުމުން، އޭނާ ހޯދުމަށް ފުލުހުން އެ ސަރަޙައްދު ރަނގަޅަށް ބަލާފާސްކުރިތޯއާއި، އަޒްހާންގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވާ ސަރަހައްދާ ކިހައި ކައިރި ސަރަހައްދަކުންތޯއާއި ހަށިގަނޑު ފެނިފައިވާ ސަރަހައްދު އެންމެ ފުރަތަމަ ފުލުހުން ހޯދީ ކޮން ދުވަހަކުތޯ ސުވާލު އުފެދިފައިވާކަމުގައި އެމްއާރްއެމްއިން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ހިންގާފައިވަނީ އެންމެ ފުރިހަމައަށްތޯ ބަލައި ދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ފުލުހުންގެ ބޯޑަށް ގޮވާލާކަމަށްވެސް އެމްއާރްއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް