މާލޭގައި އެމްޓީސީސީން ދެމުންދާ މިނީ ބަހުގެ ހިދުމަތުން އަގު ނަގަން ފަށައިފި އެވެ.
އެ ކުންފުނިން މާލެ ތެރޭގައި ބަހުގެ ހިދުމަތް ފެށީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. މިދިޔަ އެއް މަސް ދުވަހު އެ ހިދުމަތް ދީފައިވަނީ ހިލޭ އެވެ.
އެމްޓީސީސީން ބުނީ މިއަދުން ފެށިގެން މިނީ ބަހުގެ ދަތުރު ކުރެވޭނީ ހަތް ރުފިޔާގެ އަގު ދައްކައިގެން ކަމަށެވެ. މިނީ ބަހުގެ ޓިކެޓު ގަނެވޭނެ އިންތިޒާމް އާރުޓީއެލް އެޕް މެދުވެރިކޮށް ވަނީ ހަމަޖައްސާފަ އެވެ.
އަދި އެޕްމެދުވެރިކޮށް ޓިކެޓި ގަތުމަށް އުނަދގޫ ފަރާތްތަކަށް ބަހަށް އަރާ ގަޑީގައި ކަރުދާސް ޓިކެޓު ވިއްކާނެ އެވެ. މި ހިދުމަތް ދެނީ މާލޭގައި ދުއްވާ މިނީ ބަސްތަކުގައި އެކަންޏެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިގޮތަށް ޓިކެޓު ގަނެގެން ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ބާކީ ފައިސާ ނުދެވޭނެ ކަމަށާއި ބަހަށް އަރާއިރު ހަތް ރުފިޔާ ހަމައަށް ދެއްކުމަށް އިލްތިމާސް ކުރާ ކަމަށެވެ. އާޒިމް ވިދާޅުވީ އެގޮތަށް އަމަލު ކުރަނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލައި، ޚިދުމަތް ދިނުމަށް ނަގާ ވަގުތު ސަލާމަތްކުރުމަށާއި، ޝެޑިއުލަށް ބުރޫއެރިޔަ ނުދިނުމަށް ޓަކައި ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ ފައިސާ މާރުކޮށްދޭން ފަށައިފި ނަމަ ދަތުރު ނިމޭއިރުވެސް މާރުކޮށްދީ ނުނިމޭނެ ކަމަށެވެ.
މާލޭގައި ބަސް ދަތުރުގެ ހިދުމަތް ހިލޭ ދިން މަހެއްހާ ދުވަހު ލައްކައަކަށްވުރެ ގިނަ މީހުން ބަހުގެ ހިދުމަތް ހޯދާފައިވެ އެވެ.
އާރްޓީއެލް ބަސް އަމީނީ ރޫޓާއި ސޯސަން ރޫޓާއި އޯކިޑް ރޫޓުން ދަތުރު ކުރެ އެވެ. އަދި މި ރޫޓުތަކުން މާލޭގެ ހަތަރު އަވަށް ކަމުގައިވާ ހެންވޭރު، ގަލޮޅު، މައްޗަންގޮޅި އާއި މާފަންނުގައި ދަތުރު ކުރެ އެވެ. މި ތިން ރޫޓުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައި ހުރެ އެވެ.
މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި 18 ބަސް ބޭނުން ކުރާނެ އެވެ. އޭގެ ތެރެއިން އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަ ހުންނަ ބަހެވެ.
މިނީ ބަސްތަކުގައި 20-22 މީހުންނަށް އިޗީންދެގެން އަދި 10 މީހުންނަށް ކޮޅަށް ދަތުރު ކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް