ބ. އަތޮޅުގައި 'އަލުން ބަލުން' ރީސޭލް މާކެޓް ފަށައިފި އެވެ.
މިއީ އެ އަތޮޅުގެ ހަތް 'ނަމޫނާ' ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އިސްނަގައިގެން، އެ ރަށްރަށުގެ ކައުންސިލްތަކާއި ސޮނެވާ ނަމޫނާ ޖަމިއްޔާ އާއި ގުޅިގެން ކުރިއަށް ގެންދާ މާކެޓެކެވެ.
"އަލުން ބަލުން" ގެ ނަމުގައި ޕައިލެޓް ކުރެވެމުންދާ މި މާކެޓްގެ ތެރެއިން މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކުޑަރިކިލު، ކަމަދޫ އަދި ކެންދޫ ރައްޔިތުންނަށް ކުރިން ބޭނުންކުރެވިފައިވާ ތަކެތި ހެޔޮ އަގެއްގައި ލިބިގެންދާނެ އެވެ.
ރަނގަޅު ހާލަތުގައި ހުރި ބޭނުންނުކުރާ މުދާ އުކާލުމުގެ ބަދަލުގައި އަލުން ބޭނުން ކުރުމުގެ ސަޤާފަތެއް އުފެއްދުމުގެ މަގުސަދުގައި ހިންގާ މި ޕައިލެޓްގެ ތެރެއިން ސެކަންޑް ހޭންޑް މާކެޓެއް އުފެދި، ތަކެތީގެ ބޭނުންކުރެވޭ މުއްދަތު އިތުރުކުރެވި، މި 7 ރަށުން އުފެދޭ ކުނި މަދު ކުރެވިގެންދާނެ އެވެ.
މި ރީސޭލް މާކެޓްގައި ބައިވެރިވާ ރަށްތަކުގެ ގޭބިސީތަކުން އުކާލާ ކުނީގައި ހިމެނޭ އަލުން ބޭނުންކުރެވޭނެ ޒާތުގެ ތަކެތި އެ ރަށެއްގެ އަންހެނުންގެ ކޮމިޓީން ފާހަގަކޮށް، ސާފުކޮށް އަދި މަރާމާތުކުރުމަށްފަހު ވިއްކުމަށްޓަކައި މި ޕްރޮގްރާމްގައި ބައިވެރިވާ އެހެން ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް ފޮނުވާނެ އެވެ.
މި ގޮތަށް އެއް ރަށެއްގައި އެއްކުރެވޭ ތަކެތި އެހެން ރަށަކަށް ވިއްކުމަށް ފޮނުވުމުން ކުދި ކުދި ރަށްތަކުގައި ކުރިން ބޭނުންކުރެވިފައިވާ ތަކެތި ވިއްކުމަށް ހުންނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ އެވެ. މި ރީސޭލް މާކެޓް އިން ލިބޭ ފައިސާ ވެގެންދާނީ އެ ރަށްތަކުގެ އަންހެނުންގެ ކޮމިޓީތަކަށް ލިބިގެންދާ އާމްދަނީ އަށެވެ.
ދޮންފަނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު މަރިޔަމް ނިޝްރީން ވިދާޅުވީ މި މަސައްކަތުގެ ސަބަބުން އަންހެނުންގެ ކޮމިޓީތަކަށް އިތުރު އާމްދަނީ ހޯދޭނެ މަގު ފަހިވެ، ވަސީލަތްތައް އިގްތިސާދު ކުރުމުގައި އަންހެނުންގެ ދައުރު ފުޅާކުރެވިގެންދާނެ ކަމަށެވެ.
" އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި މުޅި ބ. އަތޮޅާއި އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ވެސް މި ރީސޭލް މާކެޓް ފުޅާވެގެންދިއުން،" ނިޝްރީން ވިދާޅުވި އެވެ.
މި މާކެޓާއި ގުޅޭގޮތުން ސޮނެވާ ނަމޫނާގެ ރިޑިއުސް މެނޭޖަރ ޚަދީ ޙާމިދު ވިދާޅުވީ ބ. އަތޮޅުގެ ނަމޫނާ 7 ރަށުގެ ހީވާގި އަދި އުންމީދީ އަންހެނުންނާއެކު ކުނި މަދުކުރުމުގެ މި މުހިންމު މަސައްކަތުގައ ބައިވެރިވުމަކީ ސޮނެވާ ނަމޫނާއަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި އަލުން ބަލުން ރީސޭލް މާކެޓްގެ ސަބަބުން އެއްޗެއް އެއްލާލުމުގެ ކުރިން އެއީ އިތުރަށް ބޭނުންކުރެވިދާނެ އެއްޗެއްތޯ ވިސްނާލުމުގެ އާދަ އަށަގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ބ. އަތޮޅުގެ ހަތް ނަމޫނާ ރަށެއްގައި ހޮނިހިރު ދުވަހު އަލުން ބަލުން މޭކެޓް ލޯންޗް ކުރެވުނެވެ. އޮކްޓޫބަރު 8 ވަނަ ދުވަހު މި މާކެޓްގެ ދެވަނަ ބުރު ކިހާދޫގައި ކުރިއަށްދާނެ އެވެ. އެއަށްފަހު ކޮންމެ ހޮނިހިރު ދުވަހެއްގައި، ބ. އަތޮޅުގެ ސޮނެވާ ނަމޫނާ ރަށްތަކުގެ ތެރެއިން ކޮންމެވެސް އެއް ރަށެއްގައި އަލުން ބަލުން މާކެޓް ކުރިއަށްދާނެ އެވެ.
ސޮނެވާ ނަމޫނާ އަކީ ރާއްޖޭގައި ކުނީގެ ގޮތުގައި ބާކީ ކުރެވޭ ތަކެތި މަދުކޮށް، ބާރުވެރި ޒީރޯ ވޭސްޓް މުޖުތަމައުތަކެއް އުފެއްދުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާ އެކެވެ. މި ޖަމިއްޔާގެ މަސައްކަތް 2019 ވަނަ އަހަރު 3 ރަށަކާއެކު ފެށިގެން ގޮސް މިހާރު ބ. އަތޮޅު، ނ. އަތޮޅު އަދި ހ.ދ. އަތޮޅުގެ 21 ރަށަކަށް ވަނީ ފުޅާވެފަ އެވެ.
ބ. އަތޮޅުގައި ސޮނެވާ ނަމޫނާއާއި އެކު މަސައްކަތް ކުރަމުންދާ 7 ރަށަކީ މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކަމަދޫ، ކުޑަރިކިލު އަދި ކެންދޫ އެވެ.
އަލުން ބަލުން ރީސެލް މާކެޓަކީ މުޖުތަމައުގައި އުކާލެވޭ ތަކެތި އަލުން ބޭނުންކޮށް ރައްކާކުރުމުގެ އާދަ އަށަގެންނެވުމުގެ މަޤްޞަދުގައި ބ. އަތޮޅުގައި ހިމެނޭ ނަމޫނާ ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ގުޅިގެން ޕައިލެޓް ކުރެވޭ އުންމީދީ ސެކަންޑް ހޭންޑް މާކެޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް