އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަދުވަހުގެ ރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ލިވަޕޫލުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ވެފައިނުވިނަމަވެސް ލަނޑު ޖަހަން ދެ ޓީމަށް ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ.
މެޗުގެ ފުރަތަމަ ހާފު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނު ނަމަވެސް މެޗުގެ ފަހުހާފުގެ 59 ވަނަ މިނެޓުގައި ލިވާޕުން ވަނީ ލަނޑު ޖަހާ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ސަލާހުގެ އެހީތެރިކަމާއި އެކު ސަދިއޯ މާނޭއެވެ. އޭގެ ދިހަ މިނެޓު ފަހުން ސިޓީން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފިލިޕް ފޮޑެންއެވެ. ލިވަޕޫލުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ އަލުން ލީޑުނެގީ މެޗުގެ 76 ވަނަ މިނެޓުގައި މުޙައްމަދު ސަލާހު ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ ފަސް މިނެޓު ފަހުން ސިޓީން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ކެވިން ޑިބްރެއިނާއެވެ.
ދެ ޓީމު އެއްވަރެއްގައި އޮވެ މެޗުގެ ކުޅުން ނިމިގެން ދިޔައިރު، ކުޅުނު ހަތް މެޗުން 15 ޕޮއިންޓް ލިބިގެން ލިވަޕޫލް އޮތީ ތާވަލުގެ ދެވަނާގައެވެ. ތިންވަނާގައި ސިޓީ އޮތީ ހަތް މެޗުން ލިބުނު 14 ޕޮއިންޓާއި އެކުގައެވެ. އެއްވަނާގައި 16 ޕޮއިންޓާއި އެކު އޮތީ ޗެލްސީއެވެ. ތިންވަނާގައި ޔުނައިޓެޑް އޮތީ ސިޓީއާއި އެއްވަރަށް ޕޮއިންޓު ލިބިގެން ގޯލުގެ ތަފާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް