ފުވައްމުލަކު ސިޓީގައި ހޮސްޕިޓަލުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވި ސަބަބު ދެނެގަންނަމުން ދާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
މިހާދިސާގައި މަރުވެފައިވަނީ އުމުރުން ހަ އަހަރުގެ އަންހެން ކުއްޖެކެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ނިޔާވެފައިވަނީ ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސްފައި އޮއްވާ އެތަނުގެ ނަރުހުން ކުއްޖާގެ ގަޔަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ނޭވާލުން ހުއްޓިގެންނެވެ. ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ދެ ދުވަސް ވަންދެން ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާ ހޮޑުލާތީ ކަމަށްވެ އެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ލިރާރު ވިދާޅުވީ ކުއްޖާގެ ފުރާނަ ސަލާމަތްކުރަން ހޮސްޕިޓަލުން މަސައްކަތް ކޮށްފައިވާކަމަށެވެ، މިފަދަ ކަމެއް އެ ހޮސްޕިޓަލްގައި ހިނގާފައިވާތީ ހިތާމަ ކުރައްވާ ކަމަށް ލިރާރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެކުއްޖާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ލިރާރު ވިދާޅުވީ، ހޮސްޕިޓަލަށް ކުރާ ތުހުމަތަކީ ރަނގަޅު ތުހުމަތެއް ކަމުގައިވާނަމަ އެކަން ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް