ފަތުރުވެރިކަމުގެ ޞިނާޢަތުގައި ދިވެހި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރަންޖެހޭ: ރައީސް

ފަތުރުވެރިކަމުގެ ޞިނާޢަތުގައި ދިވެހި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން...

03 Oct 2021 | 18:09

ފަތުރުވެރިކަމުގެ ޞިނާޢަތުގައި ދިވެހި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ދިވެހިފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަންފެށުމުގެ ގޮތުން ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގެ ފައިދާ އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކާ އަދި ތިމާވެއްޓަށް ރިއާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި މި ޞިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން، 2023ގެ ނިޔަލަށް ހުއްޓައިލުމާއި 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެ ކަރބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ ކޮންމެ ކަމަކީ، ފަތުރުވެރިކަމަށް ލިބޭ އިތުރު ދިރުމަކަށް ވާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތު ތަރައްޤީކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ފަތުރުވެރިކަން މުޅިރާއްޖެއަށް ފަތުރައިލުން. އަދި އެކަން ކުރުމަށް ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ. އޭގެ ތެރޭގައި ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމެއް ޤާއިމުކުރުމާއި، ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި ޒަމާނީ މުއާޞަލާތީ ޚިދުމަތްތައް ތަރައްޤީކުރުން ފަދަ މަސައްކަތްތައް ކުރަންޖެ." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުްނ ރައީސް ސޯލިހު ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގެސްޓް ހައުސްއާއި ހޯމް ސްޓޭގެ ޚިދުމަތް، ފަދަ ފަތުރުވެރިކަމުގެ ޚިދުމަތްތައް ތަޢާރަފްވެގެން ދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް