ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ރާއްޖެ ވަޑައިގެންނަވަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ. ޝާހިދު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެ...

03 Oct 2021 | 17:37

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.

ޝާހިދު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. މި ދަތުރުފުޅަކީ މިދިޔަ މަހު އާންމު މަޖިލީހުގެ އެސެމްބްލީގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމެރިކާއަށް ވަޑައިގެން ޝާހިދަށް ދެއްވި ދައުވަތަށް ކުރައްވާ ދަތުރުފުޅެކެވެ.

ޝާހިދު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.

މިހާރު އެމަނިކުފާނު ގެންދަވަނީ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޔޫއޭއީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ދުބާއީގައި ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތް، ވޯލްޑް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޝާހިދަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމަށްވިޔަސް އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމުން ގިނައިން އުޅުއްވަން ޖެހެނޭނީ އެމެރިކާގެ ނިއުޔޯކްގައި އެވެ.

އެހެންވެ ފޮރިން މިނިސްޓްރީ ހިންގެވުމުގައި އެންމެ އިސްކޮށް، ރަސްމީގޮތުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް