ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެ ޝަރީޢަތް މާދަމާ ހެނދުނު އޮންނާތީ، އެމަނިކުފާނާއި ޕީޕީއެމްގެ ސަޕޯޓަރުން މާދަމާ ހެނދުނު، ޕީޕީއެމް އޮފީސް ކައިރިޔަށް ދިއުމަށް އެ ޕާޓީން އެދިއްޖެ އެވެ.
ޕީޕީއެމް އިން ބުނީ އެމަނިކުފާނަށް ހިތްވަރު ދިނުމުގެ ގޮތުން ހަރަކާތެއް ހިންގަން ނިންމާފައިވާ ކަމަށާއި އެ ހަރަކާތުގައި ބައިވެރިވުމަށް އެމަނިކުފާނަށް ސަޕޯޓް ކުރާ ހުރިހާ އެންމެން މާދަމާ ހެނދުނު 9:45 އަށް ޕީޕީއެމް އޮފީހަށް ދިއުމަށް އެދޭ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މާދަމާ އޮންނާނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ލީ މައްސަލަ އެވެ. މި މައްސަލައިގައި ދެ ފަރާތުގެ ހުށަހެޅުންތައް ނިމިފައިވާ އިރު، އެހެންކަމުން މާދަމާ ބާއްވާ އަޑުއެހުމުގައި އެމަނިކުފާނު ކަފާލާތުން ދޫކޮށްލުމާ މެދު ގޮތެއް ނިންމާނެ ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ވަނީ ބުނެފަ އެވެ.
މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ، ރައީސް ޔާމީނުގެ މަށްޗަށް ކްރިމިނަލް ކޯޓުން ވަނީ، ނޮވެމްބަރު 29، 2019 ވަނަ ދުވަހު 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ކުރި މި ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު އެވެ.
ޔާމީނުގެ މައްޗަށް މި މައްސަލައިގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ދަނީ ކުރަމުން ނެވެ. އެގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑިރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކޮށްފަ އެވެ.
މި ދައުވާތަކަށް ރައީސް ޔާމީން ގެންދަވަނީ އިންކާރު ކުރައްވަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް