ގައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަސް އޮކްޓޯބަރ މަހުގެ 3 ގައި ފާހަގަކުރުމަށް ނިންމައިފި

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ "ފަތުރުވެރިކަމުގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނުކުފ...

03 Oct 2021 | 16:15

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ "ފަތުރުވެރިކަމުގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނުކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް 50 އަހަރު ފުރުން ފާހަގަ ކުރާ ކައުންޓްޑައުން ފެށުމަށް ކުރުނބާ މޯލްޑިވްސް ގައި މިހާރު ކުރިއަށްދާ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ ހާލަތުގައި އެންމެބޮޑު ހީނަރުކަމެއް ލިބުނީ ރާއްޖޭގެ ފަތުރުވެރިކަމަށް ކަމަށާއި އަދުގެ ހާލަތަށް ރާއްޖޭގެ ފަތުރުވެރިން ގެނައުމަށް އެ ދާއިރާގެ ހީވާގި މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބިލްގެ ތީމް ލަވަ އިފްތިތާހު ކުރުމަށް ކުރުނބާ މޯލްޑިވްސް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި މިހާތަނަށް ވަކި ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

އެހެންވެ، ރާއްޖޭގައި އެ ދުވަސް ފާހަގަ ކުރަމުން ދިޔައީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާ ސެޕްޓެމްބަރު 27 ވަނަ ދުވަސް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމީ ފެންވަރުގައި "ފަތުރުވެރިކަމުގެ ދުވަސް" ކުރުމަށް ކަނޑައެޅި ދުވަހަކީ ކުރުނބާ ވިލެޖުގެ ނަމުގައި ރާއްޖެގައި ފުރަތަމަ ރިސޯޓް ހުޅުވި ދުވަހެވެ.

ކުރުނބާ ވިލެޖު ހުޅުވީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު 3 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް