ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރޭނިސްއާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ރޭނިސްއާއި ދެކޮޅަށް ކުޅުނު މި މެޗުން ޕީއެސްޖީ ބަލިވީ 0-2 ގެ ނަތީޖާއިންނެވެ.
މިއީ ލީގުގައި ޕީއެސްޖީން ކުޅުނު މެޗުތަކިގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. އެޓީމުން ވަނީ ލީގުގައި މީގެ ކުރިން ކުޅުނު އަށް މެޗުންވެސް މޮޅުވެފައެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފުރަތަމަ ހާފުގައި ލީޑުނަގަން ޕީއެސްޖީއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ނޭމާ އާއި ކީލިއަން އެމްބާޕޭއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން މެސީ ފޮނުވާލި ހިލޭ ޖެހުމެއް ވެސް ވަނީ ރޭނީސްގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުގައި ރޭނީސް އިން ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައެވެ. ކަމަލްދީން ސުލެމާނާ އެހީތެރިކަމާއި އެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގައެޓަން ލަބޯޑެވެ.
މި ލަނދާއި އެކު ލީޑުގައި އޮވެ ރޭނީސްއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާ ކުރީ ފަހު ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައެވެ. ލަބޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފްލަވިއެން ޓެއިޓްއެވެ.
އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި އެމްބާޕޭ ޕީއެސްޖީއަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.
މި މެޗުން ވީ ބައްޔާއި އެކުވެސް ޕީއެސްޖީ އޮތީ 24 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ލެންސްއަށް ނުވަ މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީ އަތުން ބަލިވި ރޭނީސް އޮތީ ނުވަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް