ދިރާގު ހައިސްޕީޑް ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތް ހުޅުމާލެ ފޭސް 2 ގައި ދޭންފަށިފި

ދިރާގުން ހުޅުމާލެ ފޭސް 2 ގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭންފަށައިފި އެވެ. މިއަދު އެޗް.ޑީ.ސީގައި ބޭއްވި ޚާއްސަ ރަސްމިއ...

03 Oct 2021 | 12:35

ދިރާގުން ހުޅުމާލެ ފޭސް 2 ގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭންފަށައިފި އެވެ.

މިއަދު އެޗް.ޑީ.ސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދިރާގު ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު އަދި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު އެގްރީމެންޓްގައި ވަނީ ސޮއި ކުރައްވާފަ އެވެ.

މި ހަފުލާގައި ދެ ކުންފުނީގެ އިސް ބޭފުޅުންވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. އެގްރީމެންޓުގައި ސޮއި ކުރެއްވުމަށްފަހު، ހިޔާ ފްލެޓްގައި ދިރާގު ޓީވީ އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ހޯއްދެވި އެންމެ ފުރަތަމަ ކަސްޓަމަރާ ވަނީ ބައްދަލުކުރައްވާފަ އެވެ.

މީގެ އިތުރުން ފަސޭހަކަމައިއެކު ކަސްޓަމަރުންނަށް ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތަށް އެދިލެއްވުމަށް ދިރާގުގެ ޓީމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި މިއަދު 18:00 ވަންދެން ހަރަކާތްވަމުން ދާނެއެވެ. އަދި މާދަމާއިން ފެށިގެން 10 އޮކްޓޯބަރ ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 15:30 އިން 18:30 އަށް ހަރަކާތްތެރިވަމުން ދާނެއެވެ.

ދިރާގު ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އެޗް.ޑީ.ސީ އާ ގުޅިގެން ހުޅުމާލެ ފޭސް 2 ގައި އާބަދުވަމުންދާ ރައްޔިތުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ފޯރުކޮށްދެވިގެން ދިޔުމަކީ ނުހަނު އުފާވާ ކަމަށެވެ.

"އެޗް.ޑީ.ސީ އާއެކު މި ވެވޭ އެއްބަސްވުމާއެކު އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ ހުޅުމާލޭ ދެވަނަފިޔަވަހީގެ ކަސްޓަމަރުންނަށް ދޭޚިދުމަތްތަކަކީވެސް މާލޭގެ އެހެންސަރަޙައްދު ތަކެކޭ އެއްގޮތަށް އެންފެންވަރެއްގައި، އަގުގެ ތަފާތެއްނެތި، އެއްއަގެއްގައި ދެވޭނޭ ޚިދުމަތްތަކެއްކަން ޔަޤީންކުރުން.  އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ ޚިދުމަތެއް ފޯރުކޮށްދީ، ކަސްޓަމަރުން އެކަކު އަނެކެކާ ގުޅުވައިދިނުމަށް." އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

އެޗް.ޑީ.ސީގެ އެމް.ޑީ ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އެންމެ ފުރަތަމަ އިންޓަރނެޓް އަދި ޓީވީގެ ޚިދުމަތް ފޯރުކޮށްދިން ކުންފުންޏަށް ދިރާގު ވެގެން ދިޔުމާކީ ވަރަށް އުފާކުރާކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ދެ ކުންފުނީގެވެސް އަމާޒަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ވާ ޑިޖިޓަލް ފަރަގު ކުޑަކުރުން ކަމުގައި ވުމުން، މިއީ ހުޅުމާލެ، ރާއްޖޭގެ އެންމެ ފުރަތަމަ "ސްމާޓް ސިޓީ" އަށް ވެގެން ދިޔުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް" ސުހައިލް ވިދާޅުވި އެވެ.

ދިރާގާއި އެޗް.ޑީ.ސީއަކީ ސަރުކާރު ހިއްސާވާ ދެ ކުންފުންޔަށް ވީ ހިނދު، މި ދެކުންފުނި ވެސް އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ މުޖުތަމަޢުތައް ބިނާ ކޮށް ތަރައްގީ ކުރުމެވެ. އެގޮތުން، ދިރާގުން ވަނީ ހުޅުމާލޭގައި މީހުން އާބާދުވާން ފެށީއްސުރެއް އެންމެ ފުރަތަމަ އަސާސީ ޚިދުމަތް ދޭންފެށި ކުންފުނިތަކާއެކު ދިރާގުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފަ އެވެ. އަދި މިހާރު ހުޅުމާލެ ފޭސް 1 ގައި ދިރިއުޅޭ 50،000 އަށް ވުރެ ގިނަ ރަށްވެހިންނަށް ދިރާގުގެ ޚިދުމަތައްތައް ދަނީ ފޯރުކޮށްމުން ނެވެ.

އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ގިނަ ސަރވިސް ޕްރޮވައިޑަރުން ގުޅިގެން އިންޓަރނެޓް އަދި ޓީވީގެ ޚިދުމަތް އެއް ފައިބަރ ނެޓްވޯކެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެ އެވެ.

ދިރާގުން މަސައްކަތްކުރަމުން ދަނީ އެޗް.ޑީ.ސީއާ ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތައްތަކެއް ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް