ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ނޮޅިވަރަންފަރު ސްކޫލުގައި ރީޑިންގ ޕާކެއް ޤާއިމު ކޮށްފި

ހދ. ނޮޅިވަރަންފަރު ސުކޫލުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިޔުނިޓީ ފަންޑުގެ ދަށުން ފޮތް ކިއުމަށް ޚާއްސަކޮށް ރީޑިންގް ޕާކެއް ޤާއިމު ކޮށްފިއެވެ. މި ޕާކު ތަރައްޤީކުރުމަށް ބީއެމްއެލް ކޮމިޔުނިޓީ ...

03 Oct 2021 | 12:04

ހދ. ނޮޅިވަރަންފަރު ސުކޫލުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިޔުނިޓީ ފަންޑުގެ ދަށުން ފޮތް ކިއުމަށް ޚާއްސަކޮށް ރީޑިންގް ޕާކެއް ޤާއިމު ކޮށްފިއެވެ.

މި ޕާކު ތަރައްޤީކުރުމަށް ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ކާމިޔާބު ކުރީ ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓު ޖަމިއްޔާއިން ނެވެ.

ނޮޅިވަރަންފަރު ޔޫތު ޑިވޮލޮޕްމަންޓުގެ ފަރާތުން މުޙައްމަދު އާޞިފް ވިދާޅުވި ގޮތުގައި މި ރީޑިންގ ޕާކުގެ ސަބަބުން ރަށަށް ވެސް ނުހަނު ބޭނުންތެރި މަޤްސަދެއް ޙާސިލް ވެގެން ދާނެ ކަމަށެވެ. އަދި މި ޕާކު ތަރައްޤީ ކުރެވިފައިމިވަނީ އެންމެ ރަނގަޅު ހިސާބުގައި ކަމަށާއި މި ޕްރޮޖެކްޓު ނިންމުމަށް ބީއެމްއެލް އިން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ރީޑިންގ ޕާކެއް ތަރައްޤީކުރުމުގެ މަގްސަދަކީ ރަށުގެ ކުދިބޮޑު އެންމެން ހިމެނޭނެހެން ޚާއްސަކޮށް ދަރިވަރުން ފޮތްކިޔުމަށް އަހުލުވެރިކޮށް އެކަމަށް ފަހި މާޙައުލެއް ހޯދައިދިނުމެވެ. އެހެންކަމުން މިތަނުގައި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ޚާއްސަ ފޮތް ބެހެއްްޓިފައި ވެއެވެ.

އެގޮތުން މިޕާކުގައި ބެހެއްޓިފައިވާ ފޮތް ހަރުގަނޑުތަކަކީ ވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން އަސަރު ނުކުރާނޭހެން ރައްކާތެރި ކަމާއެކު ހެދިފައިވާ ހަރުތަކެކެވެ. މި ޕާކުގައި އިށީނުމަށް ބެންޗާއި، ޖޯލިފައްޗާއި، އުނދޯލި ތައް ހެދިފައި ވެއެވެ.

ބޭންކްއޮފް މޯލްޑިވްސް އިން ކޮންމެ ކުއާޓަރއެއްގައި ފަސް ޕްރޮޕޯސަލް ހޮވާ، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ކަނޑައަޅަ އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ވެސް އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ޚާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިޔުނިޓީ ފަންޑުގެ ދަށުން އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް