ހުރިހާ މުވައްޒަފުންގެ މުސާރަ މިރޭ ޖަމާކޮށް ނިމޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިމިވަނީ މި އޮކްޓޯބަރު މަހުގެ އައި އިރު، އަތޮޅުތަކުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައިނުވާތީ، އެކަމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށެވެ.
ސަރުކާރު މުވައްޒަފުންގެ މުސާރަ މަސް ފެށުމުގެ ކުރިން އާންމުގޮތެއްގައި ޖަމާ ކުރެ އެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބައެއް މުވައްޒަފުންނަށް މުސާރަ ދިނުމުގައި ލަސްތަކެއް ދިމާވީ މުވައްޒަފުންގެ މައުލޫމާތުތައް އަްއު ސިސްޓަމަކަށް އަޅާތީ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ މަހު މުވައްޒަފުންނަށް ޑަބަލްކޮށް ވެސް މުސާރަ ދެވުނު ކަމަށާއި އެހެންމެ އެކަން ދެން ތަކުރާރު ނުވާނެގޮތަށް ކަންތައްތައް ބައްޓަން ކުރަމުން އަންނަކަމަށެވެ.
"މުސާރަތައް މީގެ ކުރިން ހަދަމުން ދިޔައީ އެކްސެލްޝީޓެއް މެދުވެރިކޮށް. އެހެން ނަމަވެސް އަތޮޅުތެރޭގެ މުވައްޒަފުން މިހާރު ވަނީ ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީ ކުރަން ފަށާފަ. އެހެންވެ އެ ޕޯޓަލްގައި ރަޖިސްޓްރީކޮށް ޑޭޓާތައް އެޅުމުގައި ލަސްވާތީ މުސާރަ ޖަމާ ކުރުން ލަސްވީ" އޮފިޝަލު ވިދާޅުވި އެެވެ.
އޭނާ އިތުރަށް ވިދާޅުވީ މުސާރަ ޖަމާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މުސާރަ ނުލިބޭ ހުރިހާ މުވައްޒަފުންނަށް މިރޭގެ ނިޔަލަށް މުސާރަ ލިބޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް