ލ. އަތޮޅުގައި މިއަހަރުގެ ނޮވެމަބަރ މަހު ބާއްވާ "މާންދޫ ރަން" ގެ މީޑިއާ ޕާޓްނަރއަކަށް ދުވަސްއެމްވީ ހަމަޖައްސައި، އެކަމުގެ ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ.
މިކަމަށްޓަކައި ބޭއްވި ކުޑަ ހަފުލާއެއްގައި ދުވަސްއެމްވީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެޑިޓަރ އަޒުމީ އަލީ އެވެ. މާންދޫ ރަންގެ ފަރާތުން ސޮއި ކުރެއްވީ މާންދޫރެކްރިއޭޝަން ކްލަބުގެ ރައީސް ޢަބްދުލްމާޖިދު ޢަބްދުލްޣަނީ އެވެ.
މި ފަހުމުނާމައިގެ ދަށުން މި ރަން ގެ އެންމެފަހުގެ މައުލޫމާތު ތާޒާކަމާއެކު ދުވަސްއެމްވީ އިން ގެނެސްދޭނެ އެެވެ.
ދުވަސްއެމްވީގެ ޗީފް އެޑިޓަރ އަޒްމީ އަލީ ވިދާޅުވީ މިފަދަ ފުރުސަތެއް ދުވަސްއެމްވީއަށް ދެއްވީތީ ޝުކުރުއަދާކުރާ ކަމަށެވެ. އަދި ވީހާވެސް ރަނގަޅަކަށް މި ހަރަކާތުގެ ކަވަރޭޖު ހަދައިދޭނެ ކަމަށެވެ.
މާޖިދު ވިދާޅުވީ ދުވަސްއެމްވީ އިން އިސްނަގައިގެން މިފަދަ ކަމަކަށް އެއްބާރުލުން ދިނުމަށް ނިންމީތީ ޝުކުރުއަދާކުރާ ކަމަށެވެ.
މިއީ ހޮރައިޒަން ފިޝަރީޒްގެ 18 ވަނަ އަހަރީ ދުވަހާއިގުުވައިގެން ކުރިއަށް ގެންދާ ދުވުމެކެވެ.
މި ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހު ބާއްވާ މި ދުވުމުގައި މިހައިތަނަށް 300 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
މި ދުވުން ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މި މަހުގެ 8 ވަނަ ދުވަހުނަމަވެސް، ފޮނަދޫގައި ކޮވިޑުގެ ހާލަތު މިވަގުތު އޮތް ގޮތުން ނޮވެމްބަރ މަހަށް ފަސްކުރީ އެވެ.
މާންދޫ ގޭޓުން ފަށާ އަދި އެ ގޭޓު ކައިރިޔަށް ނިންމާގޮތަށް ހަމަޖެހިފައިވާ މި ދުވުމުގައި 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރު އަދި ހާފް މެރަތަން (21 ކިލޯ މީޓަރު) ވަނީ ހިމަނާފަ އެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން “ފަން ރަން” ގެ ނަމުގައި ޚާއްސަ ދުވުމެއް ވެސް ބާއްވަން ވަނީ ނިންމާފަ އެވެ.
މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ރާއްޖޭގެ ދިގު ދުވުމުގެ “ރަސްގެފާނު” އަދި އެތައް ދަރިވަރުންނެއް މިފަންނަށް ނެރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ބައިވެރިވާނެ އެވެ. އޭނާ ވަނީ ދުވުމުގައި ޚާއްސަކޮށް ދިގު ދުވުމުގައި ރާއްޖޭގެ އެތައް ރެކޯޑެއް ހަދާ، އޮލިމްޕިކްސް ގައި ރާއްޖެ ދެފަހަރު ތަމްސީލު ކުރައްވާފަ އެވެ.
މީގެ އިތުރުން އޮލިމްޕިކްސްގައި 3 ފަހަރު ރާއްޖެ ތަމްސީލުކޮށްފައިވާ ކުރީގެ ބާރު ދުވުންތެރިޔާ އަދި ފިޒިކަލް ޓްރެއިނަރ އަހްމަދު ޝަފީގު (ރިވަރިން) ވެސް ބައިވެރިވާނެ އެވެ.
މި ދުވުން ނިންމާ ކޮންމެ ބައިވެރިއަކަށް މެޑެލް ދިނުމަށް ވަނީ ނިންމާފަ އެވެ.
ލާމު އަތޮޅަކީ މީގެ ކުރިން ވެސް ގިނަ ދުވުންތަކެއް ބާއްވާފައިވާ ރަށެކެވެ. އެގޮތުން ޓީއެފްޖީ އިން ބޭއްވި ދުވުމާއި އައި ރަނަރސްގެ ފަރާތުން ބޭއްވި ދުވުމެއް ފާހަގަކޮށްލެވެ އެވެ. އަދި ލ. އަތޮޅަކީ ގިނަ ދުވުންތެރިން ވެސް ތިބި އަދި އެކަމަށް ގިނަ ބަޔަކު ޝައުގުވެރިކަން ހުންނަ ރަށެކެވެ.
މި ދުވުން ކުރިއަށް ދާނީ އެޗްޕީއޭގެ ގައިޑް ލައިނާ އެއްގޮތަށް ކަމަށް އެ ފަރާތުން ބުނެ އެވެ.
ދުވަސްއެމްވީ އިން މީގެ ކުރިން ވެސް ވަނީ މިފަދަ ހަރަކާތްތަކުގައި އެކި ހަރަކާތްތަކުގައި މީޑިއާ ޕާޓްނަރގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.
އެގޮތުން ހދ. ހަނިމާދޫގައި 12 ފެބްރުއަރީ 2016 ގައި ބޭއްވި މޫދު ކުޅިވަރު ހަރަކާތްތަކެއްގެ މީޑިއާ ކަވަރޭޖާއި މިއަހަރުގެ އޯގަސްޓު މަހު ބ. ދަރަވަންދޫގައި ބޭއްވި "ދަރަވަންދޫ ފުޓްސަލް ފިއެެސްޓާ 2021ގެ" އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި ވެސް ދުވަސްއެމްވީ ވަނީ ހަރަކާތްތެރިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް