ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ޖަލްސާ އަންނަ ހުކުރުދުވަހު ބާއްވައި ވަގުތީ ލީޑަޝިޕް ހޮވާ ގޮތަށް ހަމަޖައްސައިފި އެވެ.
ނާޒިމްގެ އިތުރުން، އެ ޕާޓީ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޕާޓީގެ އިންޓަރިމް އެގްޒެކެޓިވް ކައުންސިލަށް އެ ޖަލްސާގައި މެމްބަރަކު ހޮވާނެ ކަމަށެވެ. އޭގެ ތެރޭގައި ޕާޓީގެ ވަގުތީ ރައީސާ އެކު ހަ ނައިބު ރައީސުން ހިމެނެ އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި 6 ނައިބުން ކަނޑައަޅާ ގޮތަށް އޮތީ އަތޮޅުތައް ބަހާލައި ހަ ސަރަހައްދަކަށެވެ.
އެމްއެންޕީގެ ކައުންސިލަށް 21 މެމްބަރުން ހޮވާއިރު މީގެ ތެރެއިން 7 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. ޒުވާނުންނާއި އަންހެނުން ގޮފީގެ ރައީސުން ވެސް އެ ޖަލްސާގައި އިންތިހާބުކުރާނެ އެވެ.
އެމްއެންޕީ އުފައްދަން އިއުލާންކުރިތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 މީހުން ހޯދައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ ތިބެ އުފައްދަވާ ޕާޓީގެ އަމާޒަކީ މި އަހަރު ނިމޭއިރު 10،000 މެމްބަރުން ހަމަކުރުމެވެ.
އެ ޕާޓީން އަމާޒު ހިފާފައި ވަނީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް