"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ސިޔާސަތުގައި "ފަށްކަނޑާ ސެންޓަރެއް" ހެދުމާއި ޑޮލަރުގެ އަގު 3.50 އަށް ތިރިކުރުން ހިމެނޭ ކަމަށް ބުނެފި އެވެ.
މި ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދުދީފައިވަނީ މ. ކެލަން, މުޙައްމަދު އިސްމާއިލަށެވެ. އޭނާ ވަނީ “ކަރިޝްމާ ޕާޓީ މޯލްޑިވްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަަށް އެދިފަ އެވެ. ނަމަވެސް އެ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށްވާތީ، އެ ހުއްދަ ދީފައެއް ނުވެ އެވެ.
ދުވަސްއެމްވީއަށް މަޢުލޫމާތު ދެއްވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ މި ޕާޓީއަކީ ދިވެހި ރައްޔިތުންގެ ސްޓްރެސް ފިލުވާލަދިނުމަށް އުފައްދާ ޕާޓީއެއް ކަމަށެވެެ. އަދި ރާއްޖޭގައި ގިނަވެފައިވާ ވަރީގެ މައްސަލައަށް ވެސް މި ޕާޓީގެ ސަަބަބުން ހައްލެއް ލިބޭނެ ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ އަންހެނުން "އައި ލަވް ޔޫ" އޭ ބުނާނީ ސަމަރ ޓައިމް ގައި ކަމަށާއި އެވަގުތަކީ އަންހެން މީހާއަށް އެކަމަށް އެންމެބޭނުންވާ ވަގުތު ކަމަށެވެ. ނަމަވެސް ރާއްޖޭގެ މީހުން އުޅެންޖެހޭ ސްޓްރެސްކަމުން އޭގެ ޖަވާބު ނުދެވޭތީ ރާއްޖޭގައި ވަރި ގިނަވަނީ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ 'އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ސިޔާސަތުގައި "ފަށްކަނޑާ ސެންޓަރެއް" ގާއިމު ކުރާނެ ކަމަށާއި އެ ސެންޓަރުގައި ސައިކޮލިޖީ ގޮތުން މަޝްވަރާ އާއި ލަފާ ދޭނެ މީހުން ތިބޭނެ ކަަމަށެވެ. އަދި ވަރިކުރަން ބޭނުންވާ މީހުންނާއި ކައިވެނިކުރަން ބޭނުންވާ މީހުން އެ ސެންޓަރަށް އައުމުން ހުރިހައި އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސެންޓަރުން ހޯދައިދޭނެ ކައިވެނިކުރާނެ މީހުން ވެސް. އެކަމަކު އަޅުގަނޑުމެން ދައްކާ ކޮންމެ މީހަކީ އިންނަންޖެހޭ މީހެއް ނޫން. އަޅުގަނޑުމެން ދޭން އެ މީހުންނަށް ސްޓްރެސް ފިލުވާލަން ވަގުތު. ދެން އެ ދެމީހުން ނިންމާނީ ކައިވެނި ކުރާނީތޯ، ނޫންތޯ" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ޑޮލަރުގެ އަގު 3،50 އަށް ތިރިކުރާނެ ކަމަށާއި ޖަލަށްދާ މީހުންގެ އަދަދު ވެސް މަދުވާނެ ކަމަށެވެ. އެފަދަ އެތައް ޕްލޭނެއް އެ ޕާޓީންކޮށް، އަމަލުން ދައްކާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ގޯތި ވެސް ހިލޭ ލިބޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ތިން މާލޭގެ ބޮޑުމިނުގެ ސަރަހައްދުތަކެއް ހިއްކުމަށް ނިންމާފައިވާ ކަމަށާއި އެ ސަރަހައްދުތަކުގައި ޑުބާއީގައި ހުރި ފެންވަރަށް ގެ އެޅުމަށް ފަހު، ރައްޔިތުންނަށް ހިލޭ ދޭނެ ކަމަށް ވެސް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 30،000 ގެ ޑުބާއީ ފެންވަަރަށް އެޅުމަށް ނިންމާފައިވާ ކަމަށާއި އެ ގެ ތަކުގެ ތިރީގައި ހުންނާނީ ފިހާރަތަައް ކަމަށާއި އެ ފިހާރަތައް ދޭނީ ކުއްޔަށް ކަމަށެވެ. އަދި އެ ގެ ތަކުގައި އުޅޭ ފަރާތްތަކަށް ޚަރަދު ކުރާނީ އެފިހާރަތަކުން ލިބޭ އާމްދަނީއަށް ކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވެސް ވާދަކުރާނެކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ އެހެން ޕާޓީތަކުން (އިޚްލާސްތެރި ޕާޓީ މޯލްޑިވްސް) އާ ވާދަކުރަން އަންނަންވާނީ "އާސަހަރާގައި ވަޅެއް" ކޮނެފައި ކަމަށެވެ.
އެ ޕާޓީގެ ވެރިކަމެއްގައި މާލޭގައި ސައިކަލް ނުހުންނާނެ ކަމަށާއި އޭގެ ބަދަލުގައި ބޭނުން ކުރާނީ ބަގީ ޚިދުމަތް ކަމަށެވެ. އެގޮތުން ކޮންމެ މީހެއްގެ އަތުން ނަގާނީ ދަތުރަކަށް އެންމެ ރުފިޔާއެއް ކަމަށާއި ބަގީއެއްގެ އިންތިޒާރުގައި މަޑުކުރަން ޖެހޭނީ އެންމެ ގިނަވެގެން ތިން މިނެޓު ކަމަށެވެ. އަދި މަޖީދީ މަގުގައި ކޮންމެ 300 މީޓަރަކުން ބަގީ ސްޓޮޕް ހުންނާނެ ކަމަށެވެ.
އެ ޕާޓީން މާގިނަ ވާހަކައެއް ނުދައްކާނެ ކަމަށާއި ބޭނުންކުރާނީ ކުރީގެ ރައީސް މަރްހޫމް އިބްރާހިމް ނާސިރު ގެންގުޅުއްވި ސިޔާސަތު ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ 'ނޯ ޓޯކްސް ޑު" ސިޔާސަތު ކަމަށް ވެސް ދިވެހި ސަރުކާރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕާޓީއަށް ސޮއި ކުރުމަށް މިހާރުވެސް ވަރަށްގިނަ އަންހެންކުދިން "ކެތްމަދުވެފައި" ތިބި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް