ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުން ދެކުނު ކޮރެއާ އުނިކޮށް، ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓަށް އެރުމުގައި ރާއްޖެ އިން އެ ގައުމަށް ކުރި ތާއީދު ބަލައިގަންނަ ކަމަށާއި ދެން އޮތީ އޭގެ ބަދަލުދިނުން ކަމަށް ދެކުނު ކޮރެއާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެސިޑެންޓް އެމްބެސެޑަރު ޖިއޮން ވޫންޖިން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ކޮރެއާގެ ނެޝަނަލް ފައުންޑޭޝަން ޑޭ ފާހަގަކުރުމުގައި ދިވެހިރާއްޖެ ބައިވެރިކުރުމުގެ ގޮތުން ފޮނުއްވި ހިތާބެއްގައެވެ.
ސަފީރު ވިދާޅުވީ، ބައިނަލްއަގްވާމީ ގޮތުން ކޮރެއާ މިހާރު ހޯދާފައިވާ މަގާމަކީ ރާއްޖެ ވެސް ހިމެނޭ ގޮތުން ބައިނަލް އަގްވާމީ މުޖުތަމައުގެ ތާއީދު ނުލިބުނު ނަމަ ހާސިލުވާނެ މަގާމެއް ނޫން ކަމަށެވެ. ރާާއްޖެ އާއި ކޮރެއާއަކީ މުހިއްމު ދާއިރާތަކެއްގައި ބައިވެރިންނަށް ވެފައިވާ ކަމަށާއި އެއް ގައުުމުން އަނެއް ގައުމަށް ކުރާ އިތުބާރު ކުރިއަށް ވުރެ ބޮޑުވަމުން އަަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އާއި ކޮރެއާއާ ދެމެދު ގުޅުން ބަދަހި ކުރާނެ ތަފާތު ގިނަ ދާއިރާތަކެއް އެބަހުރި ކަމަށާއި އިގުތިސާދީ ދާއިރާ އާއި ސިއްހީ ދާއިރާ ހިމެނޭ ކަމަށެވެ. ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ކުރިއެރުން ހޯދުމަށްޓަކައި ރަނގަޅު މަގުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް (ޔޫއެންސީޓީއޭޑީ) ގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްްޓުން އުނިކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުގައި ކޮރެއާ ހިމެނީ މިދިޔަ ޖުލައި މަހު އެވެ. މިއީ 1964 ވަނަ އަަހަރު އެ އެޖެންސީ އުފެއްދި ފަހުން، ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓަށް މިހާތަނަށް ގައުމެއް ބަދަލުކުރި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް