ކުދި ކުށްތައް ކުރާ މީހުންނަށް ޖަލު ނޫން އަދަބެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރޭ "ރާއްޖެ ޓީވީ"ގައި ވާހަކަދައްކަމުންނެވެ.
ކޮމިޝަނަރ އަހުމަދު ވިދާޅުވީ ޖަލު ނޫން އެހެން އަދަބު ތައާރަފް ކުރުމުގެ މަރުހަލާ އޮތީ ވަރަށް ގާތުގައި ކަމަށާއި ޕީނަލް ކޯޑުގައި ޖަލު ނޫން އަދަބުތަށް ދެވިދާނެ ކަމަށް މިހާރު ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޝަރީއަތް ކުރުމުގައި ޖަލު ނޫން އަދަބު ކަނޑައެޅޭނެ އިޖުރާއަތެއް ސުޕްރީމް ކޯޓުން ގާއިމުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ޖަލު ނޫން އަދަބެއް ތަންފީޒު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރަމުންދާ ކަމަށް ކޮމިޝަނަރ ވިދާޅުވި އެވެ.
"މާނައަކީ ކުޑަ ކުށެއް ކޮށްފި މީހަކު ނަމަ އެމީހަކު މުޖުތަމައުގައި ބަހައްޓައިގެން އެމީހެއްގެ ހުކުމް ތަންފީޒު ކުރެވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރުން. މިސާލަކަށް އަޅުގަނޑުމެންނަށް އެބަފެނޭ ދުނިޔޭގެ ގައުމުތަކުން އިޖުތިމާއީ ބައެއް މަސައްކަތް އެބަކުރުވާ، މީހުން މޮނީޓާކޮށްގެން މުޖުތަމައު ތެރޭގައި ބަހައްޓައިގެން ވެސް އެބަ ހުކުމް ތަންފީޒުކުރުވާ. އަދި ގޭބަންދުގައި ބަހައްޓައިގެން އެބަ ތަންފީޒުކުރުވާ. އެ ނިޒާމް މިހާރު އޮތީ އެެތުރިފައި" އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ މިހާރު މައިގަނޑު ގޮތެއްގައި ކުރަމުންދާ ކަމަކީ އެބާވާތުގެ ހުކުމެއް މީހެއްގެ މައްޗަށް ކޮށްފިނަމަ އެމީހެއްގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކަމަށް އަހުމަދު ވިދާޅުވި އެވެ. ނަމަވެސް މިއީ އެއްވެސް ހާލެއްގައި ބޮޑެތި އަނިޔާވެރި ކުށްތައް ކުރާ މީހުންގެ ވާހަކަ ނޫން ކަމަށް ވިދާޅުވިއެވެ.
"މި އޮނިގަނޑު ގާއިމުކުރެވި މިކަން މިގޮތަށް ކުރެވިގެން ދިޔުމުން ކުދި ކުށް ކުރާ މީހުން ޖަލު ނޫން އަދަބުގެ ތެރޭގައި ގެންގުޅެ އެމީހުން ހެޔޮ ގޮތުގައި މުޖުތަމައު އަށް އަލުން އަނބުރާ ގެނެވޭނެ ބަޔަކަށް ހެދޭނެ ކަމަށް" އަހުމަދު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ޖަލުތަކުގައި ކުށްވެރިން ގިނަވެ، ޖަލުތައް ފުރޭ މައްސަލަ މީގެ ކުރިން އަދި މިހާރު ވެސް ދަނީ ފެންމަތިވަމުންނެވެ. މިއީ މި ކަމަށް ލިބިގެންދާނެ ހައްލެއް ކަމަށް ބެލެވެއެވެ، އެއީ މިހާރު ވެސް މި ފަދަ ކުށްތަކުގައި އެއް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ 100 އަށް ވުރެ ގިނަ ގައިދީން ޖަލުތަކުގައި ތިބީމައެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް