ގއ. ގެމަނަފުށީގައި ކޯވިޑް-19އަށް ފަރުވާ ދެމުންދާ 140 އެއްހާ މީހުން އެބަތިބި ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ހާމަކޮށްފި އެވެ.
ގެމަނަފުށީގައި ކޯވިޑް ފެތުރޭތީ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް 195 މީހަކަށް ކޯވިޑް ޖެހިފަވެ އެވެ.
ގެމަނަފުށީ ސިއްހީ މަރުކަޒުގެ ތަފާސް ހިސާބު ދައްކާގޮތުން އެރަށުގައި މިވަގުތު ކޯވިޑް ޖެހިފަތިބި 136 މީހުން އެބަތިއްބެވެ. އިއްޔެ އެކަނިވެސް ނުވަ މީހުން އެ ރަށުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ކޯވިޑް އެކްޓިވް ކޭސްތަކާއި ގުޅިގެން 60 ގެއެއް ކަރަންޓީން ކޮށްފައިވާއިރު އެ ގެތަކުގައި 195 މީހުން އެބަތިއްބެވެ.
"ދުވަސް" އަށް މައުލޫމާތުދިން އެރަށު މީހަކު ބުނީ އެ ރަށު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ނަރުހުންގެ ތެރެއިން މިވަގުތު މަސައްކަތަށް ނުުކުންނަނީ އެންމެ ދެ ނަރުހުން ކަމަށެވެ. ދެން ތިބި ނަރުހުން ތިބީ ޕޮސިޓިވްވެގެން ނުވަތަ ކޮންޓެކްޓަކަށް ވެގެން ކަރަންޓީންގައި ކަމަށެވެ.
ގެމަނަފުށީ ކައުންސިލުން މިދިޔަ ހަފްތާގައި "ދުވަސް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ރަށުގައި ބޮޑަށް ބަލި ފެތުރެމުންދަނީ މަސްވެރިންގެ އާއިލާތަކުގެ މެދުގައި ކަމަށެވެ. އެހެންކަމުން ބެލެވެނީ ރަށަށް ބަލި އެތެރެވެފައިވަނީ މަސްވެރިންގެ ފަރާތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް