ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ އޯގްސްބާގްއާއި ދެކޮޅަށް ކުޅުނު މެޗުން ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވެ ލީގު ތާވަލުގެ ދެވަނައަށް އެ ޓީމުން ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި އޯގްސްބާގާއި ދެކޮޅަށް ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ވެސް ޑޯޓްމުންޑުންނެވެ. މެޗު ފުރަތަމަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ގުއެރެއިރޯއެވެ. މިއީ އޯގްސްބާގުގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑޯޓްމުންޑުގެ ޑޮންޔެލް މާލެންއަށް އޯގްސްބާގުގެ ޖެފެރީ ގޯވެލެއު ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ. ޑޯޓްމުންޑްގެ މި ލަނޑަށް ފަހު އޯގްސްބާގުގެ ކުޅުން ވަރުގަދަ ކުރިއިރު، އެޓީމުން ވަނީ ޑޯޓްމުންޑްގެ ފަހަތައް ބާރު ބޮޑުކޮށް ގޯލާއަމާޒުކޮށް ހަމާލަތައް ފޮނުވާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 35 ވަނަ މިނެޓުގައި އޯގްސްބާގުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ޑޯޓްމުންޑްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޑީ ޒެކީރީއެވެ.
ދެޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުތަމަ ހާފު ނިންމާލިނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން 51 ވަނަ މިނެޓުގައި ޑޯޓްމުންޑުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ އަލުން ލީޑު ނަގާފައެވެ. ކެޕްޓަން މާކޯ ރުއިސްގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫލިއަން ބްރަންޓެވެ.
ރޭގެ މި މޮޅާއެކު ކުޅުނު ހަތް މެޗުން ލިބުނު 15 ޕޮއިންޓާއި އެކު ތާވަލުގެ ދެވަނައަށް ޑޯޓްމުންޑް ވަނީ ޖެހިލާފައެވެ. ތާވަލުގެ ތިންވަނައިގައި އޮތް ފްރެއިބާގަށްވެސް މި އަދަދަށް ޕޮއިންޓް ލިބފައިވާއިރު، ޑޯޓްމުންޑަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ލީގުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓް އާއި އެކު ބަޔާން މިއުނިކެވެ. ޑޯޓްމުންޑް އަތުން ބަލިވި އޯގްސްބާގް އޮތީ ފަސް ޕޮއިންޓާއި އެކު ތާވަލުގެ 15 ވަނާގައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް