ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ވާދަވެރި ބާސެލޯނާއާއި ދެކޮޅަށް ކުޅުނު މެޗުން އެތްލެޓިކޯ މެޑްރިޑް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ބާސާއާއި ދެކޮޅަށް ކުޅުނު މިމެޗުން އެތުލެޓިކޯ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުން ބާސާ ބަލިވިއިރު، މިއީ ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ. މިހާތަނަށް ބާސާ ހަތް މެޗެއް ކުޅެފައިވާއިރު، މޮޅުވެފައިވަނީ ތިން މެޗުންނެވެ. ތިން މެޗުން އެއްވަރުވިއިރު، ރޭގެ މެޗުން ވީ ބައްޔެވެ. ބާސާއިން މިފަހަރުގެ ސީޒަނުގައި ދައްކަމުން އަންނަ ދައް ކުޅުމުގެ ސަބަނުން އެޓީމުގެ ކޯޗު ރޮނާލްޑް ކޫމަނަށް ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު، އޭނާ ބާސާގެ ކޯޗުކަމުން ވަކުރަން އުޅޭ ކަމުގެ ޚަބަރުތައް ވެސް މީޑިއާގައި ވަނީ ފެތުރިފައެވެ.
އެންމެ ފަހުން ލީގުގައި ކަޑިޒް އާއި ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން ކޫމަން ދެ މެޗަށް ސަސްޕެންޑް ކޮސްފައިވާއިރު، ރޭގެ މެޗަކީ އޭނާގެ ސަސްޕެންސަންގައި ހުރި ދެވަނަ މެޗެވެ.
ރޭ ކުޅުނު މި މެޗުގައި އެތުލެޓިކޯއިން އެޓީމުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައެވެ. ސުއަރޭޒްގެ އެހީތެރިކަމާއި އެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް ލެމާއެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލެމާ ތަނަވަސްކޮށްދިން ފުރުސަތަކުން ސުއަރޭޒް ވަނީ އެތްލެޓިކޯގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ.
ރޭ ބާސާ އަތުން ހޯދި މޮޅާއެކު އެތުލެޓިކޯ މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު އަށް މެޗުން 17 ޕޮއިންޓު ލިބިގެންނެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ހަތް މެޗުން ލިބުނު 17 ޕޮއިންޓާއި އެކު ރެއާލް މެޑްރިޑެވެ. އެތުލެޓިކޯ އަތުން ބަލިވި ބާސާ އޮތީ ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާއި އެކުތާވަލުގެ ނުވަވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް