ޕީޕީއެމް އިން މިދިޔަ ހުރކު ދުވަހު ބޭއްވި ހާއްސަ ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
އީސިން ބުނީ އެ ކޮންގްރެސް ބަލައިނުގަތުމަށް ނިންމީ އިޖުރާއަތުތައް ފުރިހަމަ ނުވާކަމަށް ބުނެ އެވެ. އެ ކޮމިޝަނުން ބުނީ ކޮންގްރެސް ނިންމުމަށް ފަހު އެކޮމިޝަނަށް ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު އިޖުރާއަތުތައް ފުރިހަމަ ނުވާތީ އެއީ ސަންހަ ކޮންފަރެންސެއް ނޫންކަމަށް ނިންމީ ކަމަށެވެ.
ޕީޕީއެމްއިން ބޭއްވި ހާއްސަ ކޮންގްރެސްގައި ވަނީ ރައީސް ކަމަށް އަބްދުﷲ ޔާމީން އައްޔަން ކޮށްފައި އެވެ. އަދި ހަތަރު ނައިބު ރައީސް ކަމަށް އާޒިމާ ޝަކޫރު، އަބްދުއް ރަހީމް، މޫސާ ޒަމީރު އަދި މުހައްމަދު ސައީދު އައްޔަން ކޮށްފައި އެވެ.
މީގެ އިތުރުން ކައުންސިލަށް މެންބަރުން ހޮވާފައިވާއިރު އަސާސީ ގަވައިދަށް 10 އިސްލާހެއް ގެނެސްފައިވެ އެވެ.
މީޑިއާ ނުވައްދާ ކުރިޔަށް ގެންދިޔަ ޕީޕީއެމްގެ ކޮންގްރެސް ބޭއްވި ގޮތާ މެދު ކަންބޮޑުވުންފާޅުކުރައްވައި، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އީސީ އަށް އިއްޔެ ސިޓީއެއް ފޮނުއްވި އެވެ.
އެ ސިޓީގައި މައުމޫން ވިދާޅުވެފައި ވަނީ ކޮންގްރެސް ބާއްވާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. އެފަދަ ކޮންގްރެސް އެއް ބޭއްވޭނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް