އިންތިހާބީ ރައީސް އެމްއެމްއޭގެ ގަވަރުނަރާއި ބައްދަލު ކުރައްވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރާއި ބައްދަލު ކުރައްވައިފި އެވެ. ދެބޭފުޅުން ވަކިން ބޭއްވި ބައްދަލުވުން އޮތީ އެމްއެމްއޭގައި އެވެ. ބ...

03 Oct 2018 | 08:21

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރާއި ބައްދަލު ކުރައްވައިފި އެވެ.

ދެބޭފުޅުން ވަކިން ބޭއްވި ބައްދަލުވުން އޮތީ އެމްއެމްއޭގައި އެވެ. ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.

އިންތިހާބީ ރައީސް އެމްއެމްއޭއަށް ކުރެއްވި މި ޒިޔާރަތުގައި އެ އިދާރާގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައިވެ އެވެ. މި ބައްދަލުވުމުގައި ގަވަރުނަރު ނަސީރުގެ އިތުރުން، އެމްއެމްއޭގެ ސީނިއަ ހުރިހާ މުވައްޒަފުންހެން ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

އިންތިހާބު ވެވަޑައިގެންނެވިފަހުން އިބޫ ގެންދަވަނީ ދައުލަތުގެ އެކި މުއައްސަސާތަކަށް ވަޑައިގެން އިސްވެރިންނާއި ބައެއް މުވައްޒަފުންނާއި ބައްދަލު ކުރައްވަމުންނެވެ. އެގޮތުން ފުލުހުންނާއި ސިފައިންގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައިރު ކަސްޓަމްސްގެ ވެރިންނާއި މުވައްޒަފުންނާއި އިބޫ ވަނީ ބައްދަލު ކުރައްވާފަ އެވެ.

ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިޔަށް ދާއިރު ރިޔާސީ އިންތިހާބުގެ ކުރިން މިދިޔަ މަހު އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް 1.5 މިލިއަން ޑޮލަރު (22.5 މިލިއަން ރުފިޔާ) ޖަމާވި ކަމަށްބުނާ މައްސަލައެއް ރިޕޯޓު އަލްޖަޒީރާއިން ވަނީކޮށްފައި އެވެ. އަލްޖަޒީރާއިން އެ މައުލޫމާތު ހޯދީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކަން އޭރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒުގެ ސަމާލު ކަމަށް ގެނެސް ތަހުގީގު ކޮށްދިނުމަށް އެދި ފޮނުވި ސިޓީ އަކުން ކަމަށް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ރައީސް ގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ ރައީސް އެ މުއާމަލާތް ހިންގީ ގާނޫނާއި އެއްގޮތަށް ކަމަށްވާތީ އެމްއެމްއޭގެ ޔުނިޓުން ފޮނުވި ސިޓީ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު އެކަން ދޮގުކޮށް އެމްއެމްއޭއިން އިއްޔެ ބުނީ މައްސަލަތައް ބެލުމަށް ފަހު ތަހުގީހީ އިދާރާއަށް ފޮނުވާފައިވާ އެއްވެސް ސިޓީއެއް މިހާތަނަށް އަނބުރާ ގެންގޮސްފައި ނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް