ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހިމް މުއާޒް އަލީ އަށް މަރުގެ އިންޒާރު ދީފައިވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިހެން ވިދާޅުވެފައިވަނީ މީޑީއާތަކާއެކު ރައީސް އޮފީހުން ހަދާފައިވާ ވައިބަރ ގްރޫޕްގައެވެ.
މެސެންޖާއިން ދީފައިވާ އިންޒާރެއްގެ ސްކްރީން ޝޮޓަކާއެކު މުއާޒް ވިދާޅުވެފައިވަނީ މަރުގެ އިންޒާރަކާއި އިނގިލި ބިންދާލާނެކަމަށް ބުނާ އިންޒާރު ނޫސްވެރިންނާއި ހިއްސާކޮށްލާކަމަށެވެ. މެސެންޖާއިން ދީފައިވާ އިންޒާރުގައި ބޭއަދަބީ ބަސްތައް ހިމެނޭތީ ކިޔުންތެރިންނާއި ހިއްސާ ކުރެވޭކަށްނެތެވެ.
"ސިޔާސީ މަސައްކަތުގައި ފަހަތަކަށް ޖެހުމެއް ނެތް، މަރުގެ އިންޒާރަކުން މި އަޑެއް ނުކެނޑުވޭނެ" މުއާޒް މިހެން ވިދާޅުވެފައިވެއެވެ.
ތަރުޖަމާނަށް މަރުގެ އިންޒާރު ދީފައިވާއިރު ރައީސް ޔާމީނާއި ގުޅުންހުރި އެތައް މިލިޔަން ރުފިޔާއެއްގެ މައްސަލަ އެމްއެމްއޭއިން ފުލުސް އޮފީހަށް ހުށަހެޅިނަމަވެސް އެ މައްސަލަ އަނބުރާ ނަގާފައިވާކަމަށް އިއްޔެ ތަރުޖަމާނު ވިދާޅުވިއެވެ. ނަމަވެސް އެމްއެމްއޭއިން ވަނީ އެކަން ދޮގުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް