ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަމަހުގެ އެއް ވަނަ ދުވަހު ރާއްޖެ ވަޑައިގެންނަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ވެރިކަމުގައި އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގަ ޓެރަރިޒަމްގެ ދައުވާ އުފުލާ 13 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނަށް ވަނީ އިއްވާފަ އެވެ. ޖަލުގައި އަހަރެއްހާ ދުވަސް ހޭދަ ކުރުމަށް ފަހު ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ފޮނުވުމުން ނަޝީދު ދިރިއުޅުއްވަނީ އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ.
ނަޝީދު އިދިކޮޅު މަޖިލީސް މެންބަރުންގެ ވައިބާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު މާލެ ވަޑައިގެންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މައްސަލަ ނުނިމުނު ނަމަވެސް، މާލެ ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.
"އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން. އަޅުގަނޑު ގަސްދުކުރަނީ ނޮވެމްބަރު އެއް ވަނަ ދުވަހު ރާއްޖެ ދާން. އެހާ އިރަށް އަޅުގަނޑުގެ މައްސަލަ ނުނިމުނު ނަމަވެސް އަޅުގަނޑު ގަސްދުކުރަނީ ވީ ހާލެއްގައި ވާން ރާއްޖެ ދިއުމަށް،" ނަޝީދު ފޮނުއްވި މެސެޖުގައިވެ އެވެ.
ރިޔާސީ އިންތިހާބު ރައިސް އަބްދުﷲ ޔާމީނަށް ނާކާމިޔާބު ވުމާއި އެކު އިދިކޮޅު ސިޔާސީ ލީޑަރުން ގެންދަނީ މިނިވަން ކުރަމުންނެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުވެސް ވަނީ މިނިވަން ކުރުމަށް ހަމަޖެހިފައި އެވެ.
ރައީސް ޔާމީގެ ވެރިކަމުގައި ނަޝީދު މިނިވަން ނުވިނަމަވެސް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހުވާ ކުރައްވާ ފުރަތަމަ ދުވަހު އިދިކޮޅު ސިޔާސީ ފަރާތްތައް މިނިވަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް