ޗެމްޕިއަންސް ލީގުގެ ގްރޫޕް އީ ގައި ރޭ ބަޔާން މިޔުނިކާއި އަޔަކްސް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވިއިރު، ގްރޫޕް އެޗް ގައި މެންޗެސްޓާ ޔުނައިޓެޑާއި ވެލެންސިއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި ނިމިއްޖެއެވެ.
އާ ކޯޗް ނިކޯ ކޮވަޗް އާއެކު ބަޔާން މިޔުނިކުން އާ ސީޒަންގެ ފުރަތަމަ 7 މެޗު ވެސް ކާމިޔާބު ކުރުމަށްފަހު ރޭގެ މެޗާ ކުރިމަތިލިއިރު، ބަޔާން އޮތީ ފޯމް ކަޓާފައެވެ. 7 މޮޅަށް ފަހު ބުންޑަސްލީގާގައި އެންމެ ފަހުން އެ ޓީމު ކުޅުނު ދެ މެޗުން ހޯދުނީ އެންމެ ޕޮއިންޓެކެވެ. އޯގްސްބާގްއާ އެއްވަރުވިއިރު، ހާތާ ބާލިންގ އަތުން ވީ ބައްޔެވެ.
ރޭގެ މެޗުގައި ޖެހި ދެ ލަނޑު ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗު ފެށިގެން 4 ވަނަ މިނިޓުގައި ލަނޑު ޖަހާ ލީޑު ނެގީ ބަޔާން މިޔުނިކުންނެވެ. ބަޔާންއަށް މި ލަނޑު ޖަހައިދިނީ ރޮބެން ދިން ބޯޅައަކުން ހުމެލްސްއެވެ.
ބަޔާންއިން ލީޑު ނެގިތާ މާކަ ގިނައިރުތަކެއް ނުވެ މެޗުގެ 22 ވަނަ މިނިޓުގައި މަޒްރާއޯ ކާމިޔާބު ކޮށްދިން ލަނޑާއެކު އަޔަކްސް ނަތީޖާ ހަމަހަމަކުރިއެވެ.
ދެ ވަނަ ހާފުގައި ބަޔާންއިން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް ލީޑު ނަގަން ގިނަ ފުރުސަތުތައް ލިބިގެން ދިޔައީ އަޔަކްސްއަށެވެ.
ބަޔާންއާ އޮތް ގްރޫޕް އީ އިން އަޔަކްސް އާއި ބަޔާންއަށް ވެސް ދެ މެޗުން 4 ޕޮއިންޓް ލިބިފައިވާއިރު، އަޔަކްސް އެއް ވަނައިގައި އޮތީ ހެޑް-ޓު-ހެޑް އުސޫލުން ކުރި ލިބޭތީއެވެ. ރޭ އޭއީކޭ ގެ މައްޗަށް ހޯދި މޮޅާއެކު 3 ޕޮއިންޓް ލިބިގެން ތިން ވަނައިގައި ބެންފީކާ އޮތްއިރު، މި ގްރޫޕްގެ ފުލުގައި އޮތީ އޭއީކޭ އެވެ.
ނަތީޖާ ދަށްވުމުގެ ސަބަބުން ޕްރެޝަރާ ކުރިމަތިވެފައިވާ މެންޗެސްޓާ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގައި ރޭ ވެލެންސިޔާގެ މައްޗަށް ކުރި ނުހޯދުނެވެ. އީއެފްއެލް ކަޕުން ކަޓައި، އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން ބަލިވެފައިއޮތް ޔުނައިޓެޑުން މި މެޗް ކާމިޔާބު ކުރުމަށް ނުކުތް ނަމަވެސް ލަނޑެއް ޖެހޭ ގޮތެއް ވެސް ނުވިއެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ އާދައިގެ ކުޅުމެކެވެ. ހާއްސަކޮށް ރަނގަޅު އެޓޭކިންގް ގޭމެއް ދެ ޓީމަށް ވެސް ނުކުޅެވުނެވެ. މުޅި މެޗުގައި ވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ 5 ހަމަލާ (ދެ ޓީމު އެއްކޮށް) އެވެ.
މި ގްރޫޕްގައި ރޭ 3-0 ގެ ނަތީޖާއިން ޔަންގް ބޯއީސްގެ މައްޗަށް ކުރި ހޯދި ޔުވެންޓަސް އޮތީ ކުޅުނު 2 މެޗު ކާމިޔާބުކޮށް ތާވަލުގެ އެއް ވަނައިގައެވެ. 4 ޕޮއިންޓާއެކު ޔުނައިޓެޑަށް ދެ ވަނަ ލިބޭއިރު، ވެލެންސިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ޔަންގްބޯއީސް އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް