ސީއެސްކޭއޭ މޮސްކޯ އަތުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ބަލިވެއްޖެ!

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީ ގައި ރޭ ކުޅެވުނު މެޗުން ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ އަތުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެ އެ ޓީމަށް ހާސްކަމާ ކުރިމަތިވެއްޖެއެވެ. ރެއާލް މެޑްރިޑ...

03 Oct 2018 | 03:07

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީ ގައި ރޭ ކުޅެވުނު މެޗުން ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ އަތުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެ އެ ޓީމަށް ހާސްކަމާ ކުރިމަތިވެއްޖެއެވެ.

ރެއާލް މެޑްރިޑުން މެޗް ކާމިޔާބު ކުރާނެކަމަށް ބެލެވުނު ނަމަވެސް 1-0 ގެ ނަތީޖާއިން ބަލިވުމާއެކު، ރެއާލް މި ވަނީ އެންމެ ފަހުން ކުޅުނު 3 މެޗު އެންމެ ލަނޑެއް ވެސް ނުޖެހި ނިންމާލަން ޖެހިފައެވެ. ލަލީގާގައި އެންމެ ފަހުން ލަނޑެއް ނުޖެހި އެތުލެޓިކޯ މެޑްރިޑާ އެއްވަރުވިއިރު، އޭގެ ކުރިން ކުޅުނު މެޗުން ސެވިއްޔާ އަތުން ބަލިވީ 3-0 އިންނެވެ.

މެޗު ފެށިގެން އެންމެ 2 މިނިޓްގެ ތެރޭގައި ރެއާލްގެ ފަހަތުން ޓޯނީ ކްރޫސް އާއި ރަފައެލް ވެރޭން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނިކޮލާ ވަސިޗް ސީއެސްކޭއޭ އަށް ލީޑު ނަގައިދިނެވެ. މިއީ ސީއެސްކޭއޭ މޮސްކޯއަށް އޭނާ މި ސީޒަންގައި ކުޅެދިން 4 މެޗުން ޖެހި 3 ވަނަ ލަނޑެވެ.

ސީއެސްކޭއޭ ގެ ލަނޑަށް ފަހު ރެއާލް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކިންގ ގޭމެއް ކުޅުނު ނަމަވެސް މެޗު ނިންމާލަން ޖެހުނީ ހުސްއަތާއެވެ. އަނިޔާގެ ސަބަބުން، މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލާ ކުޅުނު ރެއާލްގެ ކަރީމް ބެންޒެމާ އަދި ކަސެމީރޯ ފޮނުވާލި ހަމަލާއެއް ސީއެސްކޭއޭ ގެ ގޯލު ދަނޑިއަށް ވެސް އަމާޒު ވިއެވެ.

ދަށް ނަތީޖާތަކާއެކު ރެއާލް މެޑްރިޑްގެ ސެންޓަރ ފޯވާޑް ކަރީމް ބެންޒެމާއަށް އަމާޒުވާ ފާޑުކިޔުންތައް އަނެއްކާ ވެސް ވަނީ އިތުރުވެފައެވެ. ރެއާލްގެ އެންމެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމާ ވަކިވުމަށްފަހު ބެންޒެމާގެ ބޮލުގައި އެޅިފައިވާ ޒިންމާ ބޮޑު ނަމަވެސް އޭނާގެ ފަރާތުން އަނެއްކާ ވެސް ފެނިގެން މިދަނީ ދަށް ކުޅުމެކެވެ.

ރޭގެ މެޗުގައި ރެއާލްއަށް ލަނޑެއް ކާމިޔާބު ނުކުރެވުނުއިރު، މިއީ އޭޕްރިލް 2016 ގައި މެންޗެސްޓާ ސިޓީއާ ބައްދަލުކުރި މެޗުގެ ފަހުން ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

ރޭ މި ގްރޫޕްގެ އަނެއް މެޗުގައި ރޯމާއިން 5-0 ގެ ނަތީޖާއިން ވިކްޓޯރިއާ ބަލިކުރިއިރު، އެ ޓީމުގެ ފޯވާޑް އެޑިން ޖެކޯ ވަނީ ހެޓްރިކެއް ހަދާފައެވެ. 2016 ވަނަ އަހަރުގައި ވެސް ޖެކޯ ވަނީ ހަމަ މި ޓީމާ ދެކޮޅަށް ޗެމްޕިއަންސް ލީގު މެޗެއްގައި ހެޓްރިކް ހަދާފައެވެ. ރޯމާއިން ދެން ޖެހި ދެ ލަނޑު ޖަހައިދިނީ އަންޑާ އަދި ކްލައިވާޓް އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީ ގައި މި ވަގުތު ސީއެސްކޭއޭ މޮސްކޯ އެއް ވަނައިގައި އޮތީ ކުޅުނު 2 މެޗުން ހޯދި 4 ޕޮއިންޓާއެކުގައެވެ. ރޯމާ އާއި ރެއާލްއަށް 3 ޕޮއިންޓް ލިބި، ފައިދާ ގޯލުގެ ގޮތުން ވެސް އެއްވަރުވާއިރު، ރެއާލް 2 ވަނައިގައި އޮތީ ހެޑް-ޓު-ހެޑް އުސޫލުން ކުރި ލިބޭތީއެވެ. ތާވަލުގެ ފުލުގައި އޮތް ވިކްޓޯރިއާއަށް 2 މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް