ރައީސާއި ރައްޔިތުންގެ ރައްކާތެރިކަމަށް އެއް މަސް ވަންދެން ރަށްރަށުގައި ދުއާ ކުރަން އަންގައިފި

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ރާއްޖޭގެ ރައްޔިތުން އަދި ރާއްޖޭގެ ރަށްތަކުގެ މިސްކިތްތަކުގައި ކޮންމެ ނަމާދަކަށްފަހު އެއް މަސް ދުވަ...

03 Oct 2015 | 02:40

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ރާއްޖޭގެ ރައްޔިތުން އަދި ރާއްޖޭގެ ރަށްތަކުގެ މިސްކިތްތަކުގައި ކޮންމެ ނަމާދަކަށްފަހު އެއް މަސް ދުވަސް ވަންދެން ކިޔުމަށް ހާއްސަ ދުއާއެއް އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ ރަށްތަކަށް ފޮނުވައިފި އެވެ.

މިކަމުގައި އިސްލާމިކް މިނިސްޓްރީގެ ބަހެއް ނުލިބުނު ނަމަވެސް ބައެއް އަތޮޅުތަކާއި ރަށްތަކުން މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ ދުއާ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ ރަށްތަކަށް ފޮނުވަން ފެށީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ކޮންމެ ނަމާދެއްކޮށް ނިންމުމަށްފަހު އެ ދުއާ ކުރުމަށް މިނިސްޓްރީން އަންގާފައި ވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.

"ޓެރަރިޒަމްގެ ޢަމަލްތަކުންނާއި މަކަރުވެރިންގެ މަކަރުތަކުންނާއި ހަސަދަވެރިންގެ ހަސަދަތަކުން އަޅަމެންގެ ވަލިއްޔުލް އަމުރާއި، ރައްޔިތުންނާއި އަޅަމެންގެ ރާއްޖެ ސަލާމަތް ކުރައްވައި ރައްކާތެރި ކުރައްވާދޭވެ!" އިސްލާމިކް މިނިސްޓްރީ އިން ރާއްޖޭގެ ހުރިހާ މިސްކިތަކަށް ފޮނުވާފައިވާ ދުޢާގައި ވެއެވެ.

މި ދުއާއާއި މެދު ބައެއް ރަށްރަށުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ބ ތުޅާދޫ ކައުންސިލްގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ.

އެ ސިޓީގައި ބުނެފައިވަނީ "ދުއާ ކުރަން ފެށުމުން ބައެއް ރައްޔިތުން ފަހަތަށް ޖެހޭ ކަމަށާއި، ދުއާ ކުރަން ފެށި ފަހުން ޖަމާއަތަށް މިސްކިތަށް އަންނަ މީހުން މަދުކަން ރަށުގެ އިމާމުން ފާހަގަ ކުރާ ކަމަށާއި މިކަމުގެ ސަބަބުން ދީނީ ހިޔާލުތަފާތުވުންތަކެއް އުފެދިދާނެތީ މިނިސްޓްރީން ވަކި އެއްޗެއް އަންގަންދެން މި ދުއާ ކުރުން ހުއްޓާލަން އެ ރަށު ކައުންސިލުން ނިންމާ" ކަމަށެވެ.

ދުއާ ކުރަން ފެށިފަހުން ރަށުގެ ބައެއް ރައްޔިތުން ކައުންސިލްގައި ޝަކުވާކުރަން ފަށާފައި ވާކަމަށް ތުޅާދޫ ކައުންސިލުން ފޮނުވި ކަމަށް ބުނާ ސިޓީގައި ވެ އެވެ.

އަލަށް ކުރަން ފެށުނު ދުއާއާއި ދެކޮޅަށް ބައެއް ދީނީ އިލްމުވެރިންވެސް ވަނީ ބަސްބުނަން ފަށާފަ އެވެ. އެގޮތުން ޝެއިހް އާދަމް ނިޝާމް އެނާގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ފަރުލު ނަމާދު ތަކުގެ ފަހުން، ޖަމާއީކޮށް ދުއާ ކުރުމަކީ (އިމާމަކު އިސްވެ ހުރެ މައުމޫމުން އާމީން ކިޔާ ގޮތަށް ދުއަ ކުރުމަކީ) ބިދުއައެއް ކަމަށެވެ.

"އުންމަތަށް ނާޒިލާއެއް (މުސީބާތެއް ނުވަތަ އެދަފަ ބޮޑުކަމެއް) މެދުވެރިވެއްޖެނަމަ ކީރިތި ނަބިއްޔާ ﷺ އުނގަންނަވައިދެއްވާފައިވަނީ ފަރުލު ނަމާދުގެ ފަހު ރަކުއަތުގެ ރުކޫއުގެ ފަހުން ގުނޫތު ނާޒިލަށް ކިމަށެވެ" ޝެއިހް ނިޝާމްގެ ފޭސްބުކް ޕޭޖްގައި ވެ އެވެ.

ބައެއް ދީނީ އިލްމުވެރިން މި ދުއާ މިގޮތަށް ކުރުމަކީ ބިދުއައެއް ކަމަށް ބުނާތީ އެކަމުގައި ބަހެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީއަށް ގުޅާލުމުން މި ދުއާ ގުނޫތު ނާޒިލާގެ ގޮތުގައި ކިޔުމަށް މިނިސްޓްރީން ހުއްދަ ދެއްވާފައިވާކަމަށް ބައެއް ކައުންސިލުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް