އެމެރިކާއިން ސީރިޔާގެ މަސްރަހު ތެރެއަށް ނުވަންނާނެ، ރަޝިޔާ ވަނުމަކީ ފަނާކުރުމުގެ ރެސިޕީއެއް: އޮބާމާ

ސީރިޔާގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ނުވަންނާނެ ކަމަށާއި އެ މަސްރަހުގެ ތެރެއަށް ރަޝިޔާ ވަދެ، ސީރިޔާގެ ރައީސް ބައްސާރުލް އަސަދަށް ތާއީދު ކުރުމަކީ "ފަނާކުރުވަނިވި ރެސިޕީ"އެއް ކަމަށް އެމެރ...

03 Oct 2015 | 02:07

ސީރިޔާގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ނުވަންނާނެ ކަމަށާއި އެ މަސްރަހުގެ ތެރެއަށް ރަޝިޔާ ވަދެ، ސީރިޔާގެ ރައީސް ބައްސާރުލް އަސަދަށް ތާއީދު ކުރުމަކީ "ފަނާކުރުވަނިވި ރެސިޕީ"އެއް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އޮބާމާ މިހެން ވިދާޅުވެފައި މިވަނީ ރަޝިޔާއިން އަސަދަށް ތާއީދުކޮށް ރަޝިޔާގައި ރެއިޑްތަށް ފެށިތާ ތިން ދުވަސް ވެފައި ވަނިކޮށެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ ރަޝިޔާއާއިމެދު އެމެރިކާއިން ގެންގުޅޭ "ހާރިޖީ ސިޔާސަތު" ބަދަލުކުރުމުގެ ވިސްނުމެއް އެމެރިކާއިން ނުގެންގުޅޭ ކަމަށާއި ސީރިޔާގެ މަސްރަހްގެ ހުރިހާވެސް ގޯހަކީ އެގައުމުގެ ރައީސް ބައްސާރުލް އަސަދު ކަމަށް އަދިވެސް އެމެރިކާއިން ދެކޭ ކަމަށެވެ.

"ސިޔާސީ ހަމަނުޖެހުންތަކެއްގެ ހައްލުކުރުމަށް އެމެރިކާ ސިފައިންގެ އެއްވެސް މިންވަރެއް ނުފޮނުވާނަން" އޮބާމާ ވިދާޅުވި އެވެ.

ރަޝިޔާއިން ސީރިޔާއާމެދު ގެންގުޅޭ ހާރިޖީ ސިޔާސަތާމެދެ ކަންބޮޑުވުން ފާޅުކުރައްވައި އޮބާމާ ވިދާޅުވީ ރަޝިޔާގެ އަމަލުތަކުން އައިއެސް ޖަމާއަތް އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.

ރަޝީޔާއިން ސީރިޔާގެ މަސްރަހުގެ ތެރެއަށް ވަދެގަތް ނަމަވެސް ރަޝިޔާގެ ފައުޖުތަކުން އެމީހުންގެ ހަމަލާތައް ބޮޑަށް އަމާޒު ކުރަމުން އަންނަނީ އަސަދުގެ ވެރިކަމާއި ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ޖަމާއަތްތަކަށެވެ. އައިއެސް ޖަމާއަތަކަށް ނޫނެވެ. މިކަން ވެގެން ގޮސްފައިވަނީ ރަޝިޔާއަށް ފާޑުކިޔުންތައް އަމާޒުވާ އެއް ސަބަބު ކަމަށެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހަތަރު އަހަރުވެފައިވާއިރު ރެފިއުޖީންގެ ގޮތުގައި ހަތަރު މިލިޔައަނަށްވުރެ ގިނަ މީހުން ގައުމު ދޫކޮށް ހިޖުރަކޮށްފައި ވާކަމަށް އދ އިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް