އެމްޕީއެލްއިން އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭ ވެބްސައިޓެއް ލޯންޗުކޮށްފި

އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭ ޚާއްސަ ވެބްސައިޓް މިއަދު ލޯންޗްކޮށްފިއެވެ. އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގ ޚިދުމަތާއެކު، އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ...

03 Sep 2024 | 15:33

އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭ ޚާއްސަ ވެބްސައިޓް މިއަދު ލޯންޗްކޮށްފިއެވެ.

އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގ ޚިދުމަތާއެކު، އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ އިތުރު ޚިދުމަތްތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ފޯރުކޮށްދޭނީ އުތުރު މެރިޓައިމް ސަރވިސަސް (ޔޫ.އެމް.އެސް)ގެ ނަމުގައެވެ.

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި ޔޫ.އެމް.އެސްގެ ވެބްސައިޓް ލޯންކޮށްދެއްވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމްއެވެ.

އެމްޕީއެލްއިން ބުނެފައިވާގޮތުގައި ޔޫ.އެމް.އެސްގެ ވެބްސައިޓްއިން އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ މައުލޫމާތު ލިބޭނެއެވެ. އަދި އެކި ޚިދުމަތްތައް ފޯރުކޮށްދޭ އޭޖެންޓުންގެ މައުލޫމާތުތައްވެސް މި ވެބްސައިޓް އިން ލިބިގެންދާނެއެވެ.

އުތުރުގައި އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގ ޚިދުމަތަށް ފެށުމަށް އެސްޓީއޯއިން ވަނީ ތައްޔާރުވެފައެވެ. މި ޚިދުމަތާއެކު އުތުރުގައި ވަށާޖެހޭ، މެރިޓައިމްގެ ގިނަ ޚިދުމަތްތަކެއް އެމް.ޕީ.އެލްއިން ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ޕްރޮވިޝަން ސަޕްލައި، ސްޕީޑް ބޯޓް، ޕައިލަޓޭޖް، ވޯޓަރ ބަންކަރިންގ، ކްރޫ ޗޭންޖް އަދި މެއިންޓަނަސްންސްގެ ޚިދުމަތް އެމް.ޕީ.އެލް އިން ފޯރުކޮށްދޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް އެމް.ޕީ.އެލްއިން ވަނީ ރާވައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ އުތުރުގައި މެރިޓައިމް ޚިދުމަތްތައް އަލަށް ފަށާއިރު، ޚިދުމަތްތައް ފުރިހަމަކޮށްދީ، އެ ސަރަހައްދަށް އުޅަނދުތައް އަންނާނެ "ސަބަބެއް" އުފައްދަންޖެހޭ ކަމަށެވެ. އަދި މި ވެބްސައިޓްގެ ސަބަބުން ދިވެހިރާއްޖޭގެ އެންމެ އުތުރުގައި މި ޚިދުމަތްތައް ބައިނަލްއަޤްވާމީ މާކެޓަށް ހުޅުވާލެވޭނެ ކަމަށެވެ.

"އުޅަނދުތައް ޚިދުމަތް ހޯދަން އަންނާނީ ޚިދުމަތްތައް ފުރިހަމަވެގެން އަލާށް ފަށާއިރުވެސް ޚިދުމަތްތައް ފުރިހަމަކޮށްދޭންޖެހޭ،" ވަޖީހް ވިދާޅުވިއެވެ.

ސީއީއޯ ވަޖީހް އިތުރަށް ވިދާޅުވީ، އެމްޕީއެލްއިން މިކަން ކުރަނީ އުޅަނދު ފަހަރު ރާއްޖެއަށް ފިއުލް ބަންކަރިންގ، ނުވަތަ އެހެން ޚިދުމަތެއް ހޯދަންވެސް އަންނާނެ ސަބަބެއް އުފެއްދުމަށް ކަމަށެވެ.

ސީ.އީ.އޯ ވަޖީހް ވިދާޅުވީ އެމް.ޕީ.އެލްގެ އަމާޒަކީ ސަރުކާރުގެ އެހެން ކުންފުނިތަކާއި ވުޒާރާތަކާ ގުޅިގެން، ޤައުމަށް ފައިދާވާނެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސް.ޓީ.އޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގ ޚިދުމަތުން ދިވެހިރާއްޖޭގެ އިޤްތިސާދަށް ކުރިއެރުންތއއް ހޯދައިދިނުން ކަމަށެވެ. އަދި މި ޚިދުމަތް ދިނުމުގައި އެސްޓީއޯއަށް އެމް.ޕީ.އެލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކަމަށެވެ.

ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޡިމް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފެށުމުގެ ފުރަތަމަ މަރުހަލާއަކީ މިކަމުގެ މަޢުލޫމާތު ލިބޭނެ ޕްލެޓްފޯމެއް ޤާއިމްކުރުން ކަމަށެވެ. އަދި މިއަދު ލޯންޗްކުރި ވެބްސައިޓަކީ އެކަން ހާސިލްކުރުމުގައި އެމްޕީއެލްއިން ކުރި މުހިންމު މަސައްކަތެއް ކަމަށާއި ދެން ނުހުއްޓި މި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް