ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވަނިކޮށް ނިޔާވެފައިވާ އާދަމް އަތުހަރުގެ ހައްޔަރާއި މަރުވި ގޮތާއި ބެހޭގޮތުން އިންސާފުވެރި އަދި އަދި މިނިވަން ތަހުގީގެއް ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިތުރު ދެ ޖަމިއްޔާއަކުން ގޮވާލައިފިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިތުރު ދެ ޖަމިއްޔާއެއް ކަމުގައިވާ އެސޯސިއޭޝަން ފޮރ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އާއި މެންޓަލް ހެލްތު ސަޕޯޓް ގްރޫޕުން ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތަހުގީގަކާއި ގުޅިގެން ފުލުހުންގެ ބަންދުގައި ހުއްޓާ އާދަމް އަތުހަރުގެ ހާލު ދެރަވެ، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވުމާއި އަދި މި މައްސަލައިގައި ސީންއަށް އެޓެންޑްކުރި ގޮތާއި މި ހިސާބަށް މި މައްސަލަ ދާން މަގުފަހިވި ސަބަބުތަކާއި ގުޅޭގޮތުން އެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރާކަމަށާއި އަދި މި ހިތާމަވެރި ދަނޑިވަޅުގައި މަރްހޫމްގެ އާއިލާއަށާއި ރަހްމަތްތެރިންނަށް އެ ޖަމިއްޔާތަކުގެ ފަރާތުން އިހުލާސްތެރިކަމާއެކު ތައުޒިޔާ ކިޔާކަމަށެވެ.
"އާދަމް އަތުހަރުގެ ހައްޔަރާއި އަދި މަރުވުމަށް ދިމާވި ހާލަތުތައް މިނިވަންކަމާއި، އިންސާފުވެރިކަމާއި، ފުރިހަމަ އަދި ހާމަކަންބޮޑުގޮތެއްގައި ތަހުގީގުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ކަމާއި ގުޅުންހުރި އެންމެހާ ދައުލަތުގެ މުއައްސަސާތަކަށް މި ޖަމިއްޔާތަކުން ގޮވާލަމު" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އާދަމް އަތުހަރު ހައްޔަރުކުރެވުނުއިރު ބާރުގެ ބޭނުން ކުރެވުނު ގޮތާއި، އަދި މަހްރޫމްގެ ސިއްހީ ހާލަތަށް ބަލާ ރިމާންޑުގައި ބަންދުކުރުމަށް ނިންމުނު ސަބަބުތައް ބެލުމަކީ ކޮންމެހެން މުހިންމުކަން ކަމުގައި އެ ޖަމިއްޔާތަކުން ގަބޫލުކުރާކަމަށާއި އަދި މި ތަހުގީގުތައް ކުރުމުގައި އާއިލާއަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށާއި، އާއިލާއަށް އިހްތިރާމް ކުރެވޭފަދަ ގޮތަކަށް ތަހުގީގުތައް ގެންދިއުމަށްވެސް އެންމެހާ މުއައްސަސާތަކަށް ގޮވާލާކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ބަންދުގައި ބައިތިއްބާ ފަރާތްތަކުގެ ރައްކާތެރިކަމާ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެއްކަން ފާހަގަކޮށް، މީގެ އިތުރުންވެސް އިސްލާހީ ބަދަލުތައް އަވަހަށް ގެނައުމަށް ދައުލަތަށް އެ ޖަމިއްޔާތަކުން ގޮވާލާފައިވެއެވެ.
އެގޮތުން ގެންނަން ހުށަހަޅާފައިވާ އިސްލާހީ ބަދަލުތަކަކީ
- ތަހުގީގު ހާމަކަން ބޮޑު ގޮތަކަށް އަވަހަށް ހިންގާ، ތަހުގީގުން ފާހަގަވާ ކަންކަން ހާމަކުރުން
- ކަސްޓޯޑިއަލް ޖަލުތަކުގައާއި ބަންދުކުރާ މަރުކަޒުތަކުގައި ތިބޭ ފަރާތްތަކާއިމެދު އަމަލުކުރާގޮތާއި ޖަލުތައް ހިންގޭގޮތް ގަވާއިދުން މޮނިޓަރ ކުރުމަށް އޮވަރސައިޓް މެކޭނިޒަމްތައް ހަރުދަނާކޮށް ޖަލުތަކުގެ ހާލަތާއި ހައްޔަރުގައި ތިބޭ ފަރާތްތަކާއިމެދު އަމަލުކުރެވޭ ގޮތްތައް ހަރުދަނާކުރުމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެ އިސްލާހުތައް ގެނައުމަށް މައުނަވީ ގޮތެއްގައި މަސައްކަތްކުރުން
- ކަސްޓޯޑިއަލް ޖަލުތަކާއި ބެހޭ ނިޒާމު އިސްލާހުކުރުމަށް ކުރާ މަސައްކަތުގައި، ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން ކަމާބެހޭ ހުރިހާ އިދާރާތަކެއްގައި ރިހިބިލިޓޭޝަން އަދި ރީ-އިންޓެގްރޭޝަންގެ ހިދުމަތްތައް ބަންދުގައި ތިބޭ ފަރާތްތަކަށް ލިބޭނެ އިންތިޒާމުތައް ކަށަވަރުކުރުން.
- ދިވެހިރާއްޖޭގެ ސިއްހީ ނިޒާމްގެ ތެރެއިން ކޮންމެ މީހެއްގެވެސް ޖިސްމާނީ އަދި ނަފްސާނީ ބަލިތަކާއި މަސްތުވާތަކެތީގެ ސަބަބުން ދިމާވާ ބަލިތައް ތަހައްމަލްކުރާ ފަރާތްތައް ޖަލުގައި ބަންދުކުރުމުން މަދުކުރުމަށާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޖިނާއީ އަދުލުގެ ނިޒާމާއި ސިއްހީ ނިޒާމް އަދި އިޖްތިމާއީ ހިދުމަތުގެ ނިޒާމްގައި ހަރަކާތްތެރިވާ މުއައްސަސާތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ގުޅިގެން މަސައްކަތްކުރުން
- ރަހީނުކުރެވޭ ހާލަތްތައް ފަދަ ހައްސާސް ހާލަތްތަކުގައި ގެންގުޅޭ އުސޫލްތަކާއި އިޖްރާއަތްތައް މުރާޖައާ ކުރުމާއި އެކު، މިފަދަ ހާލަތްތަކުގައި މައިގަނޑު އަމާޒަކަށްވާންވާނީ ކްރައިސިސް އިންޓަވެންޝަން އަދި ޑީ އެސްކެލޭޝަން ޓެކްނީކްސް ބޭނުންކުރުން ކަމުގައި ޔަގީންކުރުން. އަދި ދެމެހެއްޓެނިވި ގޮތެއްގެ މަތިން ފުލުހުންނަށް މިފަދަ ޕްރެޝާ ބޮޑު ހާލަތްތައް މެނޭޖްކުރާނެ ގޮތާއި އަދި މިފަދަ މުހިންމު މި ދާއިރާތަކުން ފުރިހަމަ ތަމްރީނުދީ ރައްކާތެރިކަމާއި ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން
- ދިވެހި ފުލުހުންގެ ކަސްޓޯޑިއަލް ފެސިލިޓީތަކުގެ ހާލަތާއި ގުޅޭގޮތުންނާއި ޖަލުތަކާއި ކުޑަކުދިންނާއި އެހެނިހެން ފަރާތްތައް މަރުކަޒުކޮށްފައިވާ ތަންތަނާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުންނާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ދީފައިވާ ހުށަހެޅުންތަކާއި ލަފާތައް ވީހާވެސް އަވަހަށް ތަންފީޒު ކުރުން
- ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖްރާއަތްތައް ބޭނުންކުރުމުގައި ރުޖޫއީ އިންސާފު ނޫނީ ރެސްޓޮރޭޓިވް ޖަސްޓިސްގެ ފަލްސަފާގެ އަލީގައި މަސައްކަތް ކުރުމަށް، މިހާރު އަމަލުކުރަމުންދާ ސިޔާސަތުތަކާއި، ގާނޫނުތަކާއި ގަވާއިދުތައް މުރާޖައާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ގައިދީންނަށް ދެވޭ ފުރުސަތުތަކުގެ ތެރޭގައި މައާފުދިނުމާއި ޕެރޯލް އަދި ޕްރޮބޭޝަން ދިނުމުގެ އުސޫލުތައް ހަރުދަނާކުރުމަށް ބާރުއެޅުން
މިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް