ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަތުހަރު އަމިއްލައަށް ދަންޖެހިފައި ހުއްޓާ ފުލުހުންނަށް ފެނިފައިވަނީ އޭނާ ދަންޖެހުމަށް މަސައްކަތް ކުރިތާ ބައި ގަނޑިއިރު ފަހުން ކަމަށް މިއަދު ފުލުހުން ހިއްސާކުރި ސީސީޓީވީ ފުޓޭޖުން އެނގިއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ދެއްކި ފުޓޭޖުން ފެންނަ ގޮތުގައި އަތުހަރު ދަންޖެހުމަށް މަސައްކަތް ކުރަން ފަށާފައިވަނީ6:30 ހާއިރެވެ. އަދި އެ މަންޒަރު ފުލުހުންނަށް ފެނި ގޮޅިއަށް ފުލުހުން ގޮސްފައިވަނީ7:02 ހާއިރެވެ.
އަތުހަރު މަރުވުމާއި ގުޅިގެން މިއަދު ފުލުހުން ނެރެފައިވާ ނޫސްބަޔާނުގައި ވާގޮތުން އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު16:08 ހާއިރެވެ. އަދި އެ މައްަސަލައިގައި ބަލަން ޖެހޭ ކަންކަން ކަމާ ގުޅުން ހުރި އިދާރާތަކުން ބަލަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަތުހަރު ހައްޔަރުކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި ފުލުހުން އޭނާ ރަހީނުކޮށްފައިވާ އަންހެން މީހާ ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގައި ވަނީ މުގުރުން އޭނާގެ ބޮލުގައި ޖަހާފައެވެ. އޭނާގެ ބޮލަށް ލިބުނު އަނިޔާތަކަށް ފުރަތަމަ ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އޭގެ ފަހުން އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް ހޮޑުލާތީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ. އެހެން ނަމަވެސް ފުލުހުން ބުނީ އޭނާގެ ރިޕޯޓުތައް ނޯމަލް ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ. އޭރު އަތުހަރަށް އައިސީޔޫގައި ފަރުވާ ދޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމުން ފުލުހުން ވަނީ އެކަން ދޮގު ކޮށްފައެވެ.
އެޔަށް ފަހު އޭނާ އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފައިވަނީ ފުލުހުންގެ ހައްޔަރަށް ދޫނިދޫއަށް ގެންދިޔަފަހުންނެވެ.
މިކަމާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ވާއިރު، އަތުހަރުގެ އާއިލާއިން ވަނީ އޭނާގެ ކަރުގައި ދަން ޖެހިފައިވާ ފަދަ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ބުނެ ބައެއް މީޑިއާ ތަކަށް މައުލޫމާތު ދީފައެވެ.
މި މައްސަލައާއި ގުޅިގެން އާއިލާގެ ބޮޑު ކަންބޮޑުވުންތަކެއް ވާއިރު، އެޗްއާރްސީއެމްއިނާއި ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އެޗްއާރްސީއެމް އިން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަތުހަރު ނިޔާވި މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް އެ ކޮމިޝަނުން ބަލަމުން ދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް