ގެމަނަފުށީ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ގއ. ގެމަނަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯތް އެންޑޤ ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ...

03 Sep 2023 | 17:49

ގއ. ގެމަނަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯތް އެންޑޤ ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި މިއަދު ސޮއެކުރެވޭ ގެމަނަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ދޯނި ފަހަރު އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ޒަމާނީ ބަނދަރެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި ލަފާފުރުމުގެ ދަތިތައްވެސް ހައްލުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 37,516 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 65,330 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 201 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ އިތުރަށް، 11 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މީގެ އިތުރަށް، 221 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އައުޓަރ ރިވެޓްމެންޓް ޖެހުމާއި، 210 މީޓަރުގެ ސޭންޑް ފިލްޑް ބޭރުތޮށި އިނަރ ރިވެޓްމެންޓް ޖެހުމާއި، 405 މީޓަރުގެ އެއްގަމުތޮށި ލުމާއި، 2635 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، އަދި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢަކީ 70.16 މިލިއަން ރުފިޔާއަށް 570 ދުވަސް ތެރޭ ނިންމުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުމަށްފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް