ރޭ ކުރިއަށް ދިޔަ ސަންގު ރިޔާސީ ބަހުސް ނިމުމާއެކު ޓުވިޓަރ ފުރާލީ އަހުމަދު ފާރިސް މައުމޫނަށް ތައުރީފު ކޮށްފައިވާ ޓުވީޓުތަކުންނެވެ. އެޔާއެކު ފާރިސް ވަނީ ކެމްޕޭން އިތުރަށް ފުޅާކޮށް، ކެމްޕޭނަށް ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ހުޅުވާލާފައެވެ.
ބަހުސްއަށް ފަހު ފާރިސްއަށް ބަހުގެ ހަމަލާ ރައްދު ކުރައްވައި މީރާ ނަޝީދު ވަނީ، އެންމެން ކުއްލިއަކަށް ފާރިސްގެ ވާހަކަ ދައްކަން ފެށީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި އެފަދަ މަޑުމައިތިރި ވާހަކަ ތަކަށް ނުހެއްލުމަށް މީރާ ހަނދާންކޮށްދިނެވެ. މީރާ ބުނީ އެއީ މައުމޫން އަބްދުލްގައްޔޫމު 30 އަހަރު ވަންދެން ރައްޔިތުން ހައްދަން ގެނުގުޅު އުކުޅު ކަމަށެވެ.
މީގެ އިތުރުން މީރާ ބުނީ، ފާރިސް ކުރިމަތިލައްވައިގެން އުޅުއްވަނީ އަމިއްލަގޮތުން ކަން އެނގޭ ކަމަށެވެ. އަދި މައިންބަފައިންނަށް ބެލުމަށްފަހު އެމީހުންގެ ދަރިއަކާމެދު ގޮތެއް ނުނިންމާނެ ކަމަށާއި، ނަމަވެސް މައުމޫނަށް ތާއީދު ކުރައްވާ ފާރިސް ފަދަ ބޭފުޅަކަށް އިތުބާރު ކުރާނީ ކިހިނެތްތޯ މީރާ ވަނީ ސުވާލު އުފައްދާފައެވެ.
މީހުން ފަސޭހައިން ކޮޅުކޮޅަށް އެނބުރުމަކީ ބިރުހުރި ކަމެއް ކަމަށް މީރާ ސިފަކުރިއެވެ.
މީރާ ބުނީ، މައްސަލައަކީ ފާރިސް، މައުމޫނުގެ ދަރިއަކަށް ވީތީއެއް ނޫން ކަމަށެވެ. އަދި މައްސަލައަކީ ފާރިސްއަކީ މައުމޫނުފަދަ 'އަނިޔާވެރި' ވެރިއެއް ހިންގަވާ ޕާޓީއެއްގެ ރައީސްއަކަށް ވުމާއި މައުމޫނު ފައުންޑޭޝަންގެ ވައިސް ޗެއާމަން އަށް ވުން ކަމަށެވެ. އެ ކަންކަމުން ނުކުންނާނެ ރަނގަޅު ނަތީޖާއެއް ނުފެންނަ ކަމަށް މީރާ ފާހަގަ ކުރިއެވެ.
މީރާގެ ބައްޕަ، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް މީގެ ކުރިން މައުމޫނާއެކު ކޯލިޝަނެއްގައި މަސައްކަތް ކުރިކަން ފާހަގަކޮށް މީރާ ބުނީ އެކަމާވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ.
ފާރިސްގެ އުމުރުން 52 އަހަރު ފުރިފައި ވާއިރު، ފާރިސް މި ހުރިހާ ދުވަހުވެސް ފާޅުގައި ސަޕޯޓް ކުރެއްވީ ބައްޕާފުޅު މައުމޫނަށް ކަމަށް މީރާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް