ރޭ ކުރިއަށް ދިޔަ ސަންގު ރިޔާސީ ބަހުސްގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އާއި އެމްޑީޕީގެ 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ކައިރި ކައިރީގައި ތިއްބެވި ފޮޓޯއެވެ.
ރޭގެ ބަހުސް ބެއްލެވުމަށް ވަޑައިގެން ސިޔާސީ އިދިކޮޅު ފަރާތްތައް ތިބީ ކައިރި ކައިރީގައެވެ. އެގޮތުން މެޑަމް ފަޒްނާ އަހުމަދާ ޖެހިގެން އިންނެވީ ކުރީގެ މެޑަމް ނަސްރީނާއެވެ. އަދި ދަ ޑިމޮކްރެޓްސްގެ އީވާ އަބްދުﷲ އާ ޖެހިގެން އިންނެވީ ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއެވެ. ނަހުލާއާ ޖެހިގެން ތިއްބެވީ އެމްއެންޕީގެ މެމްބަރުންނެވެ.
އޭގެ ތެރެއިންވެސް މާރިޔާއާއި އަދުރޭ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ، މީގެ ކުރިން ޕޯޑިއަމް ތަކުގައި ވާހަކަ ދެއްކެވި އިރު ރިޔާސީ އިންތިހާބު އޮންނަ ދުވަސް ކަމަށް އޮޅިގެން ނުބައި ދުވަހެއް ވިދާޅު ވެވުމުންނެވެ.
ރައީސް ޔާމިނުގެ ވެރިކަމުގައި ޕޯޑިއަމްގައި ވާހަކަ ދައްކަވަމުން އަދުރޭ ހިސާބު ޖައްސަވައި ވިދާޅުވި ވާހަކައަކުން އެއީ 'ހިސާބު މުދައްރިސް' ކަމަށް ބުނެ ގިނަ ބަޔަކު އެ ނަން އަދުރޭއަށް އަމާޒު ކުރަމުން ދަނިކޮށް، އިންތިހާބު ބާއްވާ ދުވަސް އޮޅިވަޑައިގެންނެވުމުން މީސްމީޑިޔާގައި މީހުން އެކަމަށް ޖޯކު ޖަހަން ފެށީއެވެ.
އެގޮތުން، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ވޯޓުލާ ވާހަކަ ވިދާޅުވާން އުޅުމުގެ ތެރޭގައި އަދުރޭއަށް އޮޅިގެން ފުރަތަމަ ވިދާޅުވެވުނީ ސެޕްޓެމްބަރު ހަތަރުވަނަ ދުވަސް ކަމަށެވެ. ނަމަވެސް ކައިރީގައި ތިއްބެވި ބޭފުޅުން ވަނީ އެ ކުށް އިސްލާހު ކޮށްދީފައެވެ.
'އިބޫއަސްލަމް' ކެމްޕޭންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާރިޔާއަށް އޮޅިގެން ވިދާޅުވެވުނީ ސެޕްޓެމްބަރު ތިންވަނަ ދުވަހު ވޯޓުލާނި ކަމަށެވެ.
އެހެންކަމުން ރޭގެ ބަހުސްގައި އެ ދެބޭފުޅުން ކައިރިކައިރީގައި ތިއްބެވިތަން ފެނުމުން މީހުން އަނެއްކާވެސް ޖޯކު ޖަހަން ފެށީއެވެ. އަދި މާރިޔާވެސް މިވަނީ އެކަމުގައި ބައިވެރި ވެލައްވާފައެވެ.
އެގޮތުން އެ ފޮޓޯ ޓުވީޓު ކުރައްވައި މާރިޔާ ވިދާޅުވީ ހިސާބު ހޯމްވޯކް ހައްދަވަނީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް