ރިޔާސީ ބަހުސް: ގާސިމް ވިދާޅުވީ ހައުސިންގެ ކަންކަން ކުރަމުން ދަނީ ހަމައެއް ނެތި ކަމަށް

ހައުސިންގެ ކަންކަން ކުރަމުން ދަނީ ހަމައެއް ނެތި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ، ރޭ ސަންގު ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ....

03 Sep 2023 | 07:19

ހައުސިންގެ ކަންކަން ކުރަމުން ދަނީ ހަމައެއް ނެތި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، ރޭ ސަންގު ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ހައްލު ކުރުމަށް ގިނަ ކެނޑިޑޭޓުން ވައުދުވެފައި ވީ ނަމަވެސް ބިން ހިލޭ ބެހުމުގެ ސަބަބުން ފްލެޓްތަކުގެ ކުލި ނުދައްކާ މީހުން ގިނަވެ، ހައުސިންގް މާކެޓް ސްޓޭބަލް ނުވާނެ ކަމަށާއި އާ ސަރަހައްދެއް ތަރައްގީ ކުރުމަށް ލޯނު ނަގަން ފަސޭހަ ނުވާނެ ކަމަށް މޮޑަރޭޓަރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ބޯހިޔާވަހިކަމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް މަސައްކަތް ކުރާނީ ކިހިނެތްތޯ ހުރިހާ ކެނޑިޑޭޓުންނާ ސުވާލު ކުރެއްވިއެވެ.

އެ ސުވާލުގެ ޖަވާބު ފުރަތަމަ ދެއްވީ މުހައްމަދު ނާޒިމްއެވެ. ނާޒިމް ވިދާޅުވީ، ހައުސިންއަކީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކަންތައް ކަމަށެވެ. އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގައިވެސް އެ މައްސަލަ ބޮޑުކަން ނާޒިމް ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ ހައުސިންގްއަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށާއި، ގެވަޅު އޮތް މީހަކު ނަމަ ބޭންކަށް ދިއުމުން ލޯނު ލިބޭނެ ގޮތަށް ސިޔާސަތު އެކުލަވާލާފައި ވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ސުވަރެން ގެރެންޓީ ދެވޭނެކަމަށް ގަބޫލު ކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވިޔަފާރި ވެރިންނަށް 133 ބިލިއަން ޑޮލަރުގެ ސުވަރެން ގެރެންޓީ ދެވޭކަމަށް ވަންޏާ، ބޯހިޔާވަހިކަން ދިނުމަށްވެސް އެކަން އެގޮތަށް ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިލްޔާސް ލަބީބުވެސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ މީހުންވެސް ބޯހިޔާވަހިކަމަށް ބޭނުންވާ ކަމަށެވެ. އަދި އެކަން ނުކުރެވެނީ އާއްމުންގެ އަތުގައި ފައިސާއާއި ރަހުނު ކުރާނެ އެއްޗެއް ނެތުމުން ކަމަށެވެ.

އެކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އޭގެ އިތުރުން މާލޭގެ މީހުންނަށް ބާހިޔާވަހިކަން ހައްލުކޮށްދިނުމަށް އިލްޔާސް ގެންގުޅުއްވާ ސިޔާސަތުވެސް ހާމަކުރެއްވިއެވެ.

މި މައްސަލައިގައި ފާރިސް މައުމޫން ވިދާޅުވީ، އެހެން ކަންކަމެކޭ އެއްގޮތަށް ބޯހިޔާވަހިކަމުގެ ދާއިރާގައި މައްސަލަތަކެއް ދިމާވެފައި ވަނީ ދުރުރާސްތާ ޕްލޭނެއް ނެތުމުގެ ސަބަބުން ކަމަށެވެ.

ފާރިސް ވިދާޅުވީ، މިހާރު ދިމާވެފައިވާ މައްސަލައަކީ އެއްވެސް ރޭވުންތެރިކަމެއް ނެތި ސޯޝަލް ހައުސިންގްއާއި ކޮމާޝަލް ހައުސިންގް އަދި ކައުންސިލް ހައުސިން ދިނުމުގެ ސަބަބުން ހުރިހާ އެއްޗެއް އެކުވެ، ފުދުންތެރިކަމާއެކު އެ ތަންތަނަށް ވަދެވޭނެ ގޮތެއް ނެތުން ކަމަށެވެ.

އޭގެ އިތުރުން، ހިލޭ ބިން ބެހުމުން މާލެ ސަރަހައްދަށް އެންމެން ޖަމާވުމަށް މަގުފަހިވާނެ ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީހުންނަށްވެސް ދިރިއުޅެވޭނެ ގޮތް ހަދައިދޭން ޖެހޭ ކަމަށެވެ.

ބޯހިޔާވަހިކަން ހައްލު ކުރުމަށްޓަކައި ނޭޝަނަލް ޓްރަސްޓް ފަންޑެއް ގާއިމު ކޮށް، އޭގެ ދަށުން ލުއިކޮށް ލޯނު ދެވޭގޮތް ހަދައިދީ، ފުރަތަމަ ގެދޮރު ގަންނަ ފަރާތްތަކަށް އިކުއިޓީ ޑިޕޮސިޓް ކޮށްދޭނެ ކަމަށ ފާރިސް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، ހައުސިންގެ ކަންކަމުގައި އަމަލު ކުރަނީ އެއްވެސް އުސޫލެއް، ހަމަޖެހުމެއް އިންސާފެއް ނެތި ކަމަށެވެ.

ކޮންމެ ސަރުކާރަކުންވެސް ބަދަލު ވާއިރު ބޮޑު ލިސްޓެއް ނެރެ ދޫކޮށްލާނެކަމަށާއި ދެން އަންނަ ސަރުކާރަކުން އެ ލިސްޓުތައް ބަދަލު ކުރާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެއީ އެއްވެސް ހަމައެއް ލަމައެއް ނޫން ކަމަށް ގާސިމް ފާހަގަ ކުރެއްވިއެވެ.

ބައެއް ބިންތައް ދޫކުރަނީ ހިލޭކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ އަނެއްބައި ބިންތައް ބޮޑު އަގުގައި ވިއްކީ ކަމަށެވެ. އެއީ ނާއިންސާފު ކަމަށް ގާސިމް ސިފަކުރެއްވިއެވެ.

އެކަމުގެ ސަބަބުން ސަރުކާރުން ކެމްޕޭން ކުރުމުގައި ވަރަށް ބޮޑެތި ނާޖާއިޒު ފައިދާ ނަގާކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ހިޔާ ފްލެޓްގެ ކުލި މާފު ކުރުމަށްފަހު ސަރުކާރުން އެ ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ. އެކަން ކުރާނީ ސަރުކާރުގެ ތެރެއިން އާމްދަނީ އިތުރު ކޮށްގެންނާއި އިތުރު މަސައްކަތްތައް ކޮށްގެން ކަމަށް ގާސިމް ވިދާޅުވިއެވެ.

ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގެއް ކަމަށެވެ. އަދި މެނިފެސްޓޯ ލޯންޗް ކުރި ރޭ ހާއްސަ ކަމެއް ދިނީ މި މައުލޫއަށް ކަމަށެވެ.

މެނިފެސްޓޯ އެކުލަވާލާފައި ވަނީ ހައުސިންގެ މައްލަސައަށް ފުރިހަމަ ހައްލެއް އަންނާނެ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަމަށް ފައިސާ ހޯދާނީ އިގްތިސޯދު ހަރުދަނާކޮށް، އިންވެސްޓަރުންގެ ޔަގީންކަން އަނބުރާ ގެނެސްގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގެދޮރު އެޅުމަށްޓަކައި ސަރުކާރުން އެސްއޯއީއެއް ބޭނުންކޮށްގެން ހާއްސަ ފަންޑެއް ގާއިމުކޮށް، އޭގެން ގެތައް އަޅައިދިނުމަށްފަހު، ރީ ފައިނޭންސް ކުރުމަށް އާއްމުން ބޭންކަށް ދާނީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ގެންނަން ހަގީގީ މަސައްކަތެއް ކުރެވުނީ މި ސަރުކާރުން ކަމަށެވެ.

ހަސަން ޒަމީލް ވިދާޅުވީ، އެންމެ ކަންބޮޑުވާ އެއް ކަމަކީ ދަރަނި ބޮޑުވުން ކަމަށެވެ. އަދި މާލޭގައި ތަންތަން ހިއްކާފައި ވަނީވެސް ދަރަންޏަށް ފައިސާ ނަގައިގެން ކަމަށެވެ.

ޒަމީލް ތާއީދު ކުރައްވަނީ އާބާދީ އެއްފަސް ކުރުންކަން ފާހަގަ ކުރެއްވިއެވެ. އަދި ކުދިކުދި ރަށްރަށުގައި އަސާސީ ކަންކަން ކުރުމަށް ހޭދަވާ ހަރަދުން އެ އާބާދީ ބޮޑު ތަނަކަށް ބަދަލު ކުރާނަމަ އެއަށްވުރެ ހަރަދު ކުޑަ ވާނެ ކަމަށް ޒަމީލް ވިދާޅުވިއެވެ.

އުމަރު ނަސީރު ވިދާޅުވީ، ކޮންމެ މީހަކަށް ވެރިކަން ލިބުނު ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ބޯހިޔާވަހިކަމަށް ހައްލެއް ނުގެނެވޭނެ ކަމަށެވެ. ބޯހިޔާވަހިކަން ހައްލު ވާނީ ދެކޮޅު ޖެހޭ ގޮތަށް ކަންކަން ކޮށްގެން ކަމަށް އުމަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް