ރޭގެ ސަންގު ބަހުސްގެ ހަތަރުވަނަ ބައިގައި ސުވާލު ކުރެވުނީ ސިޔާސީ މަޝްރަހާ ގުޅޭގޮތުންނެވެ. އެގޮތުން، ވާދަވެރިން ޖަލަށް ލުމުގެ ސިޔާސަތު، ރައީސް މައުމޫނުގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމަޔަށްވެސް ރައީސްކަން ކޮށްފައި ތިބޭ މީހުން ސިޔާސީ ގޮތުން ދެކޮޅުވެރި ވެއްޖެނަމަ ޖަލަށް ލުމާއި، އެކަމާ ގުޅިގެން އާއްމުން ޖުޑީޝަރީއަށް ކުރާ އިތުބާރު ގެއްލޭ ކަމަށް ބުނެ މޮޑަރޭޓަރ ވަނީ ކެނޑިޑޭޓުންނާ ސުވާލު އަމާޒު ކޮށްފައެވެ.
އެގޮތުން ވެރިކަން ލިބިއްޖެ ނަމަ ވާދަވެރިންނާމެދު އަމަލު ކުރާނީ ކިހިނެތް ކަމާއި މިހާރުގެ ރައީސްއާމެދު ކަންތައް ކުރާނީ ކިހިނެތްކަން އޮޅުވެފިލުވުމަށް ވަނީ ސުވާލު ކުރިމަތި ކުރުވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި ކޮންމެ ސަރުކާރަކުންވެސް ކޮރަޕްޓް އެތައްކަމެއް ކޮށްފައިވާ ކަމަށެވެ.
ކޮރަޕްޝަން ސާބިތު ވެއްޖެ ނަމަ ކޮންމެ މީހެއްކެ މައްޗަށް ވެސް ހުކުމް އަންނަން ވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ޖަލަށް ވެސް ލާން ވާނެ ކަމަށެވެ.
ރައީސް ސޯލިހުގެ މައްޗަށް ކޮރަޕްޝަން ސާބިތު ވޭތޯ ބަލާނީ ދެން އަންނަ ސަރުކާރަކުން ކަމަށާއި ނަމަވެސް ސިޔާސީ ގޮތުން ހިޔާލު ތަފާތު ވެގެން ޖަލަށް ނުލާނެ ކަމަށެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ހަސަން ޒަމީލް ވިދާޅުވީ، ސިޔާސީ މަޝްރަހު އިސްލާހު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، ކުރީގެ ސަރުކާރުގައި ސިޔާސީ ލީޑަރުން ގިނަ އަދަދަކަށް ޖަލަށް ލީ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ސިޔާސީ ލީޑަރެއް ބަންދު ނުކުރައްވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ، އެއީ ސިޔާސީ އެއްވެސް ކަމަކާ ގުޅިގެން އައި ހުކުމެއް ނޫން ކަމަށެވެ. އަދި އެއީ ކޮރަޕްޝަންގެ މައްސަލައެއް ކަމަށާއި އެ ނިންމުން ނިންމީ ކޯޓުތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ސުވާލު އަމާޒު ވުމާއެކު މުއިއްޒު ވިދާޅުވީ، ގާނޫނުއަސާސީގައި އޮންނަނީ އިސްލާމް ދީނުގައިވާ ގޮތަށް ކަންކަން ކުރުން ކަމަށެވެ. އަދި އަދުލުވެރިކަމާއެކު ހުކުމް ކުރުމަށް ގުރުއާނުން ދަލީލު ދެއްކެވިއެވެ.
އެހެންކަމުން މުއިއްޒުގެ ވެރިކަމެއްގައި ހުކުމް ކުރާއިރު ފެންނާނީ އަދުލުވެރިކަން ކަމަށާއި، އެއީ ރައީސްކަން ކޮށްފައިވާ މީހެއް ނުވަނަ އާއްމު ރައްޔިތެއް ވިޔަސް ތަފާތެއް ނޯންނާނެ ކަމަށެވެ.
ރާއްޖޭގައި ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ޔާމީނުގެ ވެރިކަމެއްގައިވެސް ގާނޫހާ ހިލާފަށް އެއްވެސް މީހަކު ބަންދު ނުކުރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެއަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ ޔާމީނުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ގާސިމަށް އަނިޔާވެރި ވެފައިވާ ކަމަށެވެ. ގާސިމަށް ހުކުމް ކުރީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނިކޮށް ކަމަށެވެ.
އޭގެ އިތުރުން ޔާމީނުގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ފާރިސް މައުމޫން ފަދަ ބޭފުޅުން ނުހައްގުން ޖަލަށް ލާފައިވާ ކަމަށެވެ.
ނަމަވެސް ކުށެއް ކޮށްފިނަމަ ކޮންމެ މީހަކަށް ވިޔަސް އަދަބު ލިބެން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ފާރިސް މައުމޫނަށް ލިބުނު ފުރުސަތުގައި ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމުގައި ވަރަށް ބޮޑެތި މައްސަލަ އެބަހުރި ކަމަށެވެ. ނަމަވެސް އެކަން އިސްލާހު ނުކުރެވޭ ކަމަށެވެ.
ފާރިސް ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ ކޯޓުތައް މިނިވަންކޮށް ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަ މަގުތައް ބަންދު ކުރައްވާނެ ކަމަށެވެ. އަދި ޕީޖީއަށް މިނިވަންކަން ހޯދައިދޭނެ ކަމަށެވެ.
އެންމެ ވާދަވެރި ކެނޑިޑޭޓަކު ޖަލަށް ލުމަކީ ތަސައްރަފު ފުދިފައިވާ ޑިމޮކްރެޓިކް ގައުމެއްގައި ކަން ކުރާނެ ގޮތް ނޫންކަމަށް ފާރިސް ވިދާޅުވިއެވެ.
އިލްޔާސް ލަބީބު ވިދާޅުވީ ކުރީގެ ރައީސުންގެ ފަހަތުން ދުވުމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި، އެއަށްވުރެ ބޮޑެތި މައްސަލަތައް މި ގައުމުގައި އެބަހުރި ކަމަށެވެ.
މުހައްމަދު ނާޒިމް ވެސް ވިދާޅުވީ ކުރީގެ ރައީސުންގެ ފަހަތުން ދުވުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ތިން އަހަރާ ބައިގައި ޖަލުގައި ހޭދަކުއްރަން ޖެހި ވަޑައިގެން އަމިއްލަ ތަޖުރިބާ ހިއްސާ ކުރައްވަމުން ނާޒިމް ވިދާޅުވީ، އޭރު ކުރީގެ ރައީސް މައުމޫނުވެސް ޖަލު ގޮޅިއެއްގައި އޮންނެވިތަން ދެކިވަޑައިގެންނެވި ކަމަށާއި އެފަދަ މަންޒަރެއް ދެން ދުވަހަކުވެސް ދެކެން ބޭނުން ނުވާ ކަމަށެވެ.
ކުރީގެ ރައީސުން އަބުރުވެރިކަމާއެކު އުޅުމުގެ ފުރުސަތު ދޭން ޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް