ސްރީލަންކާގެ ކުރީގެ ރައީސް ގޮތާބަޔާ ރާޖަޕަކްސާ އެނބުރި އެ ގައުމަށް ވަޑައިގެންފި އެވެ.
އޭނާ އާއި ދެކޮޅަށް މިއަހަރު ފެށުނީންސުރެ ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ގައުމު ދޫކޮށް ފިލީ މިދިޔަ ޖުލައި މަހު އެވެ. ގޮތާބަޔާ ލަންކާއަށް ވަޑައިގެންނެވީ ތައިލޭންޑުގައި ހުންނެވުމަށް ފަހު އެވެ.
ގައުމުން ފިލައިގެން އެންމެ ފުރަތަމަ އޭނާ ވަޑައިގެންނެވީ ރާއްޖެއެވެ. ރާއްޖެއިން ސިންގަޕޫރަށް ވަޑައިގެންނެވި އިރު ތައިލެންޑަކީ އޭނާ ވަޑައިގެންނެވި ތިން ވަނަ ގައުމެވެ.
ގޮތާބަޔާ ރައީސް ކަމުން އިސްތިއުފާ ދެއްވީ ސިންގަޕޫރަށް ވަޑައިގެންނެވެ.
ގޮތާބަޔާ ލަންކާއަށް ވަޑައިގެންނެވުމުން އާންމުން ދަނީ އޭނާ އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެ، ސަރުކާރާއި ގުޅުމަކީ ދެކޮޅުވެރިވާނެ ކަމެއް ކަމަށް ބުނެފަ އެވެ.
ލަންކާ ސަރުކާރުން ވަނީ ގޮތާބަޔާ ހުރުމުގެ އިންތިޒާމު ވެރިރަށް ކޮލަމްބޯގެ މެދުތެރޭ ހިސާބެއްގައި ހުރި ގެއެއްގައި ހަމަޖައްސާފަވާކަން ހާމަކޮށްފަ އެވެ. އެކަމަކު އޭނާ ހުންނެވީ އަސްކަރީ މަރުކަޒެއްގައިކަން ނުވަތަ އެ ގޭގައިކަން ވަނީ ޔަގީންވާގޮތް ނުވެފަ އެވެ.
ސިފައިން ވަނީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ ގޮތާބަޔާގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނެ ކަމަށް ބުނެފަ އެވެ.
ލަންކާ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި އެ ގައުމުގެ އިގްތިސޯދު ދަށަށް ގޮސް ގައުމު ދަރަނިވެރިވެ ކާބޯތަކެއްޗާއި ތެޔޮ ހުސްވީ ގޮތާބަޔާ އާއި އޭނާގެ ކޮއްކޮ އަދި ކުރީގެ ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސާގެ ދޯހަޅި ސިޔާސަތުތަކާއި ހެދި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް