މާސެލޯ ގްރީސްގެ ޗެމްޕިއަން އޮލިމްޕިއާކޯސް އަށް ސޮއިކޮށްފި

ސްޕެއިންގެ ރެއާލް މެޑްރިޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެދީފައިވާ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރ މާސެލޯ ގްރީސްގެ ސުޕަ ލީގުގެ ޗެމްޕިއަން އޮލިމްޕިއާކޯސް އެފްސީއަށް ސޮއިކޮށްފިއެވެ. މާސެލޯ އޮލިމްޕިއ...

03 Sep 2022 | 07:24

ސްޕެއިންގެ ރެއާލް މެޑްރިޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެދީފައިވާ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރ މާސެލޯ ގްރީސްގެ ސުޕަ ލީގުގެ ޗެމްޕިއަން އޮލިމްޕިއާކޯސް އެފްސީއަށް ސޮއިކޮށްފިއެވެ.

މާސެލޯ އޮލިމްޕިއާކޯސް އަށް ސޮއި ކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ 2023 ވަނަ އަހަރުގެ ނިޔަލަށް ކުލަބުގައި މަޑުކުރާ ގޮތަށެވެ.

އުމުރުން 34 އަހަރުގެ މާސެލޯ ނިމިގެން ދިޔަ ސީޒަނަށް ފަހު ރެއާލް އިން ވަކިވި ފަހުން އަދި މިހާތަނަށް އެއްވެސް ކުލަބަކާއި ގުޅިފައެއް ނުވެއެވެ. ގިނަ ހުށައެޅުންތަކެއް ލިބުނު ނަމަވެސް މާސެލޯ އެ ހުށައެޅުންތަކަށް ވަނީ ނޫނެކޭ ބުނެފައެވެ. ނަމަވެސް މާސެލޯ މިހާރު ވަނީ ވިސްނުން ބަދަލުކޮށް އޮލިމްޕިއާކޯސްއަށް ސޮއިކޮށްފައެވެ.

ރެއާލްގައި މޮޅު ކުޅުމެއް ދައްކާ ކުރިން ފުރަތަމަ އެގާރައިން ޖާގަ ލިބުނު ނަމަވެސް ފަހަކަށް އައިސް މާސެލޯއަށް ޖާގަ ލިބެމުން އައީ ބެންޗުންނެވެ. އެގޮތުން މަދު މެޗެއްގައި ނޫނީ އޭނާއަށް ކުޅެލުމުގެ ފުރުސަތު ވެސް ލިބިފައެއް ނުވެއެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ލިބިފައިވަނީ އެންމެ 18 މެޗުންނެވެ. އޭގެ ތެރެއިން ވެސް ގިނައީ ބެންޗުން ފުރުސަތު ލިބުނު މެޗުތަކެވެ. ނިމިގެން ދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގުފެ ފައިނަލުގައި ލިވަޕޫލާއި ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި ވެސް މާސެލޯއަށް ފުރުސަތު ނުލިބެއެވެ. އެ މެޗުގައި ވެސް އޭނާ އިންނަން ޖެހުނީ ބެންޗުގައެވެ.

17 ސީޒަނެއް ރެއާލް އާއި އެކު ހޭދަކުރި މާސެލޯ އަކީ ދުނިޔޭގައި މިވަގުތު ތިބި އެންމެ ތަޖުރިބާކާރު ޑިފެންޑަރުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ރެއާލް އާއި އެކު ބޮޑެތި ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން ރެއާލް ގައި ހޭދަކުރި 17 ސީޒަނުގައި މާސެލޯ ވަނީ ރެއާލް އަށް 546 މެޗު ކުޅެދީ 38 ގޯލު ޖަހައިދީފައެވެ.

އަދި ރެއާލް އާއި އެކު ފަސް ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ތަށި ކާމިޔާބު ކުރުމުގެ އިތުރުން ސްޕެނިޝް ލީގު ހަ ފަހަރު ހޯދާފައިވެއެވެ. މީގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު އަދި ޔޫއެފާ ސުޕަ ކަޕް ތިން ފަހަރު ހޯދާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް