ކަންނެތްކަމާއި ބޭކާރު ގޮތުގައި ވަގުތުނަގާލުމުން ސަލާމަތް ވެވޭނީ މަސައްކަތުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
ޚުތުބާގައި ބުނީ އަމިއްލަ އަތުން މަސައްކަތްކޮށްގެން ދިރިއުޅޭނަމަ، ސަލާމްޖެހުމުގެ ނިކަމެތިކަމުންނާއި އެހެންމީހުންގެ ފައިދަށަށް ވެއްޓުމުގެ އިހާނެތިކަމުން ސަލާމަތްވެވޭނެ ކަމަށެވެ. އަދި ކަރާމަތާއި ޝަރަފާއި ޢިއްޒަތާއި ޢިއްފަތުގެ މާނަ އޭރުން އިހްސާސް ވާނެ ކަމަށެވެ.
"މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބި، މަސައްކަތް ނެތި ހުންނަ މީހަކީ އެމީހާގެ އެންމެގާތް މީހާއަށް ވެސް ޖެހިފައިވާ ބުރައަކަށް މެނުވީ ނުވާނެ. ގާތްތިމާގެ މީހުންނަށް ކުޑަދުވަސްކޮޅަކަށް މިބުރަ އުފުއްލުނަސް މުޅި ހަޔާތުގައި މިބުރަ އުފިއްލާކަށް ކުޅަދާނައެއް ނުވާނެ. އެފަދަ މީހާގެ ކިބައިން މިންޖުވޭތޯ ބަލާނެ. އެމީހާގެ ކުރިމަތީގައި ދޮރުތައް ލެއްޕޭގޮތް ވެދާނެ." ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ އުފެއްދުންތެރި މަސައްކަތްތެރި މީހަކީ މާތްﷲގެ ހަޟުރަތުގައި ލޮބުވެތި މީހެއް ކަމަށެވެ. އަދި ހަލާލު ކޮންމެ ޢަމަލަކީ އަޅުކަމެއް ކަމަށާއި އެއީ މާތްﷲ ގެ މަގުގައި ކުރެވޭ ޖިހާދެއް ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.
މަސައްކަތްކޮށްގެން ދިރިއުޅުން ފާގަތިކުރުމަކީ ރަޙްމާންވަންތަ ރަސްކަލާނގެ އަޅުގަނޑުމެންގެ ކިބައިން ހިއްޕަވާފައިވާ އަހްދެއް ކަމަށާއި އެއީ ކީރިތި ރަސޫލާ އަޅުގަނޑުމެންނާ ޙަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް