ކެންސަރާއި ހަނގުރާމަ ކުރުމަށް ފަހު، ކިމް ވޫ ބިންގެ ފުރަތަމަ ޑްރާމާގެ އަޑާއިއެކު ފޭނުން އުފަލުން ފޮޅިއްޖެ

ފޭނުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ދެކުނު ކޮރެއާގެ މަޝްހޫރު ފަންނާނު ކިމް ވޫ ބިންއަށް ނެޓްފްލިކްސްގެ 'ޑެލިވެރީ ނައިޓް' ކިޔާ ޑްރާމާއަކުން ފުރުސަތު ލިބި، އޭނާ އެނބުރި ކޮރެއާގެ ޑްރާމާ ދުނިޔ...

03 Sep 2021 | 11:35

ފޭނުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ދެކުނު ކޮރެއާގެ މަޝްހޫރު ފަންނާނު ކިމް ވޫ ބިންއަށް ނެޓްފްލިކްސްގެ 'ޑެލިވެރީ ނައިޓް' ކިޔާ ޑްރާމާއަކުން ފުރުސަތު ލިބި، އޭނާ އެނބުރި ކޮރެއާގެ ޑްރާމާ ދުނިޔެއަށް ރުޖޫއަވުމުގެ އުއްމީދު އިތުރު ވެއްޖެއެވެ.

ފާއިތުވެ ދިޔަ އަހަރުތަކުގައި ކިމް ވޫ ބިން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިއުމާއި އެކު، އޭނާ ވަނީ ފިލްމީ ދާއިރާގެ މަސައްކަތްތަކާއި ދުރަށް ގޮސްފައެވެ.

އެހެން ކަމުން، ނެޓްފްލިކްސްގެ 'ޑެލިވެރީ ނައިޓް'ގެ ރޯލަށް ކިމް ވޫ ބިން ތައްޔާރު ނަމަ، މި ޑްރާމާ ވެގެން ދާނީ ކެންސަރަށް ފަހު ކިމް ވޫ ބިން ޑްރާމާއަކުން ފެނިގެންދާ ފުރަތަމަ ފަހަރަށެވެ. 'ޑެލިވެރީ ނައިޓް' ޑްރާމާއިން ފެނިގެން ދާނީ ދުނިޔެ ތަޣައްޔަރު ވުމުގެ ސަބަބުން މުޅި ދުނިޔެއަށް އެކަމުގެ ނޭދެވޭ އަސަރު ކުރިމަތި ވެފައިވާ ތަނެވެ.

މި ދަނޑިވަޅުގައި ބޭނުންވާ ހުރިހާ ތަކެތި އިންސާނުންނަށް ފޯރު ކުރެވިގެން ދާނީ ޑެލިވެރީ މެދުވެރި ކޮށްގެން ކަމުން، ޑިލިވެރީ ކުރާ މީހުންނަކީ މި ޑްރާމާގެ އެންމެ މުހިންމު ހިއްސާދާރުން ނެވެ. ކިމް ވޫ ބިން ފެނިގެން ދާނީ ޑްރާމާގެ ލީޑު ރޯލުން ކަމަށް ކޮރެއާގެ މީޑިއާތަކުން ބުނެ އެވެ.

ކިމް ވޫ ބިން އެނބުރި ޑްރާމާތަކުން ފެންނާނެ ކަމުގެ އުއްމީދުގައި އޭނާއަށް ތާއީދު ކުރާ ކުރެއާ އަދި ބައިނަލްއަޤްވާމީ ފޭނުންވެސް ތިބީ ވަރަށް އުފަލުންކަން މީސްމީޑިއާގައި މި ޑްރާމާއާއި ގުޅިގެން މިހާރު ހިއްސާ ކުރަމުން އަންނަ ޕޯސްޓުތަކުން ހާމަ ވެގެން ދެއެވެ.

'ޑެލިވެރީ ނައިޓަކީ' ބަލިން ރަނގަޅު ވުމަށް ފަހު ފެނިގެންދާ ފުރަތަމަ ޑްރާމާ ކަމަށް ވީ ނަމަވެސް، ކެންސަރަށް ފަރުވާ ހޯދުމަށް ފަހު ކިމް ވޫ ބިން ވަނީ 2019 ވަނަ އަހަރު ކޮންމެވެސް ވަރަކަށް މަސައްކަތަށް އަލުން ރުޖޫއަވެފަ އެވެ.

އެގޮތުން، އޭނާ މިހާރު ވަނީ "އޭލިއަން" ނަމަކަށް ކިޔާ ފިލްމެއްގެ ޝޫޓިންގވެސް މިއަހަރުގެ އޭޕްރިލް މަހު މުޅިން ނިންމާލާފަ އެވެ. މި ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަން މަސައްކަތް މިހާރު ކުރިއަށް ދާއިރު، ފިލްމު ދައްކަން ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ. މި ފިލްމުގައި އޭނާއާއި އެކު ފެނިގެންދާނީ ރްޔޫ ޖުން ޔޯލްގެ އިތުރުން ކިމް ތެ ރީއެވެ.މި ފިލްމަކީވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.

ކިމް ވޫ ބިން ފިލްމީ ދާއިރާއިން ދުރަށް ދިއައީ މީގެ 2 އަހަރެއްހާ ދުވަސް ކުރިން އޭނާއަށް ނެސޯފެރެންޖިއަލް ކެންސަރު ޖެހުމުގެ ސަބަބުން، އެ ބައްޔަށް ބޭސް ކުރުމަށެވެ. ކިމް ވޫ ބިން އެންމެ ފަހުން ފެނިގެން ދިޔަ ޑްރާމާއަކީ ސުޒީ ބައި އާއިއެކު 2016 ވަނަ އަހަރު އޭނާ ކުޅެފައިވާ 'އަންކޮންޓްރޮލަބަލީ ފޮންޑް' އެވެ. މި ޑްރާމާއަކީ ބައިނަލްއަޤްވާމީ އަދި ދިވެހި ފޭނުންގެ މެދުގައިވެސް ވަރަށް ބޮޑަށް މަޤްބޫލު ވެގެން ގޮސްފައި ވާ ޑްރާމާއެކެވެ.

ކިމް ވޫ ބިންގެ ފާހަގަ ކޮށްލެވޭ އެހެން މަސައްކަތްތަކުގެ ތެރޭގައި މަޝްހޫރު ތަރި ލީ މިން ހޯ އާއި އެކު ކުޅެފައިވާ 'ދަ އެއަރޒް'ގެ އިތުރުން ގިނަ ޑްރާމާތައް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް