އަމާޒަކީ އަންނަ އަހަރު ސަރުކާރުގެ އިދާރާތަކުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުން ކަމަށް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އެކަމަނާ ވިދާޅުވީ އަންނަ ހަފުތާ ތެރޭގައި ޖެމްސްއަށް ބަދަލުތައް ގެންނެވުމަށް މަސައްކަތް ފަށްޓަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސައިބަރ ސެކިއުރިޓީއާ ބެހޭ ގާނޫނެއް ވެސް މަޖިލީހަށް ހުށަހަޅައި އެ ތަންފީޒު ކުރަން ފެށުމަކީ އަމާޒެއް ކަމަށެވެ.
މީގެ އިތުރުން ސައިބަރ ސެކިއުރިޓީއާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި އެކަމަށް ޚާއްސަ ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ޑިޖިޓަލް އިކޮނޮމީއަކާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު، އިންސާނީ ވަސީލަތްތައް އިތުރުކުރުމާއެކު ރެގިއުލޭޓަރީ އޮތޯރިޓީން ކުރަން ޖެހޭ މަސައްކަތްތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވި އެވެ.
"މީގެ ކުރިން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ)އަށް ދެވިފައި އޮތް އަހައްމިއްޔަތުކަން ކުޑަ. އެންސީއައިޓީގެ ދަށުން ގިނަ މަސައްކަތްތަކެއް ކޮށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވަމުން އެބަގެންދަން." މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ ސައިބަރ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް އެބަހުރި ކަމަށާއި އެ މައްސަލަތައް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން މައިކްރޮސޮފްޓާއެކު އެއްބަސްވުމެއް މިހާރުއެކުލަވާލާފައިވާކަން އެކަމަނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް