ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން އިންގްލެންޑް، ޖަރުމަން މޮޅުވެއްޖެއެވެ.
ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް މޮޅުވީ ހަންގޭރީ އަތުން 4-0 ގެ ނަތީޖާއަކުންނެވެ.
ހަންގޭރީގައި ކުޅުނު މި މެޗުގައި އިންގްލެންޑުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ ގިނަ ހަމަލާތަކެއް ހަންގޭރީގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް މީގެން އެއްވެސް ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލެވޭގޮތް ވަނީ ނުވެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ.
މި މެޗުގައި އިންގްލެންޑުން ލީޑު ނެގީ މެޗުގެ 55 ވަނަ މިނެޓުގައެވެ. މޭސަން މައުންޓުގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. އޭގެ ފަހުން މެޗުގެ 63 ވަނަ މިނެޓުގައި ކެޕްޓަން ހެރީ ކޭން ވަނީ އިންގްލެންޑަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަ މިނެޓު ފަހުން ޑިފެންޑަރު ހެރީ މެގުއާ އިންގްލެންޑުގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، މެޗުގައި އިންގްލެންޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެކްލަން ރައިސްއެވެ.
މި މޮޅާއެކު ގްރޫޕް އައިގެ އެއްވަނައިގައި އިންގްލެންޑް އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޕޮލެންޑާއި ތިންވަނައިގައި އޮތް ހަންގޭރީއަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ކޮލިފައިންގެ ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަނުން ރޭ ރަށުން ބޭރުގައި ލިޝްޓެންސްޓެއިން އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
ލިޝްޓެންސްޓެއިންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުފެށިގެން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ޖަރުމަނުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނުން ވަނީ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓީމޯ ވާނާއެވެ.
ޖަރުމަނު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބު ކުރިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލެރޯއި ސާނޭއެވެ.
މި މޮޅާއެކު ޖަރުމަން އޮތީ ގްރޫޕް ޖޭގެ ދެވަނައިގައި ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. މި ގުރޫޕުގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފައިވާ އާމީނިއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް