ވޯލްޑްކަޕް ޔޫރަޕިއަން ކޮލިފައިން ބުރުގައި ރޭ ޔޫރްޕްގެ ޗެމްޕިއަން އިޓަލީއާއި ބަލްގޭރިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ކޮލިފައިންގެ ގްރޫޕް ސީގައި ހިމެނޭ އިޓަލީން އަމިއްލަ ދަނޑުގައި ބަލްގޭރިއާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 16 ވަނަ މިނެޓުގައި އިޓަލީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ފެޑެރީކޯ ކިއޭސާއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަލްގޭރިއާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޓްނަސް ލިއޭވެވެ.
ދެޓީމުވެއް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފަށް ކުޅެން ނިކުމެ ވެސް ދެޓީމުން ކުޅެފައިވަނީ ވަރަށް ވާދަވެރި ކޮށެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއްވެސް ޓީމަކަށް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ.
ދެ ޓީމު އެއްވަރުވެ އޮވެ މެޗު ނިމުނުއިރު، މި ނަތީޖާއާއެކު ގްރޫޕް ސީގެ އެއްވަނައިގައި އިޓަލީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސްވިޓްޒަލެންޑަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ނޮދާން އަޔަލޭންޑް އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް