އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕިއަން ކޮލިފައިންގައި ރޭ ކުޅުނު މެޗުން ސްވިޑެން އަތުން ސްޕެއިން ބަލިވިއިރު، އިޓަލީ އާއި ބަލްގޭރިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ސްވިޑެންގެ ދަނޑުގައި ކުޅުނު މި މެޗުން ސްޕެއިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
ސްވިޑެންއިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ ހަތަރުވަނަ މިނެޓުގައި ސްޕެއިންގެ ސާލޯ ސޯލިން ވަނީ ލަނޑު ޖަހައި، އެ ޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ސްވިޑެންއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސެންޑާ އައިސަކެވެ.
ދެޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ފަހު ހާފަށް ކުޅެން ނިކުމެ މުޅި މެޗު ކަހަލަ ގޮތަކަށް ސްޕެއިނުން ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް، މެޗުގެ 57 ވަނަ މިނެޓުގައި ސްވިޑެންއިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓާ ސެލެސަންއެވެ.
މި މޮޅާއި އެކު ސްވިޑެން ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ވަނީ މޮޅުވެފައެވެ. އެހެން ކަމުން މިވަގުތު ގްރޫޕް ބީގެ އެއްވަނައިގައި ސްވިޑެން އޮތީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސްޕެއިނަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ކޮސޯވޯއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް