ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ބަސް ސްޓޮޕުގެ މަސައްކަތް މިމަހު މެދު ތެރޭގައި ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހިޔާ ފްލެޓުތަކަކަށް ކަރަންޓު ދޫކޮށް ފިނިޝިން ނިންމަން ދިނުމާއި އެކު އެޕާޓްމެންޓުމެންޓުތައް ނަހަދައި ގިނަ ބަޔަކު ދަނީ އެތަނަށް ދިރިއުޅުން ބަދަލު ކުރަމުންނެވެ. އެމީހުންގެ ފްލެޓުގައި ދިރިއުޅެމުން އެތަންތަން ހެދުމުގެ މަސައްކަތް ކުރާއިރު މިހާރު އެންމެ ބޮޑު ޝަކުވާއަކީ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ނުލިބޭ ވާހަކަ އެވެ.
އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ބަސް ސްޓޮޕް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށެވެ. އަދި މިހާރު މުޅި ޕްރޮޖެކްޓުގެ 92 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ބުނެ އެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ބަސް ސްޓޮޕަށް ކަރަންޓު ގުޅުމާއި ފެނުގެ ހިދުމަތް ގުޅުމުގެ އިތުރުން ނުނިމި ހުރި ފިނިޝިންގެ މަސައްކަތްތަކެވެ. ލަފާ ކުރާ ގޮތުގައި މިހުރިހާ މަސައްކަތެއް މިމަހުގެ މެދު ތެރޭގައި ނިމޭނެ އެވެ.
އެޗްޑީސީން ދަނީ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއި އެކު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ. އަދި މިސްކިތްތަކާއި ސްކޫލްތަކުގެ އިތުރުން ޕެޓްރޯލް ޝެޑުތައް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް