"ރައީސް ނަޝީދުގެ ބައިނަލްއަގްވާމީ ގާނޫނީވަކީލުންގެ ޓީމު މިމަހު ހަތެއްގައި އަންނާނެ"

ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުން ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުން 10 އަށް ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ. އެ އޮފީހުން ބުނީ ރ...

03 Sep 2015 | 14:53

ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުން ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުން 10 އަށް ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ބުނީ ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ފްރީޑަމްނައުގެ ފައުންޑަރ ޖެރެޑް ގެންސަރ އަދި މަޝްހޫރު އިންސާނީ ޙައްޤުތަކުގެ ދާއިރާގެ ޙާއްޞަ ޤާނޫނީ ވަކީލު އަމާލް ކްލޫނީ ދިވެހިރާއްޖެއަށް ވަޑައިގަންނަވަނީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ ދަޢުވާ އުފުލި 13 އަހަރަށް ނުޙައްޤުން ޙުކުމް ކުރުމާ ގުޅިންގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާ އަދި ދައުލަތުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ކަމަށެވެ.

"އަމާލް ކްލޫނީ އަދި ޖެރެޑް ގެންސަރ ދިވެހިރާއްޖެއަށް ވަޑައިގަންނަވާއިރު ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން ވަނީ އެބޭފުޅުންގެ ބިޒްނަސް ވިސާ ދޫކުރުމަށް ހުއްދަދެއްވާފައި" އެ އޮފީހުން ބުނެފައި ވެ އެވެ.

ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމާ ގުޅިގެން އދ. ގެ ވަރކިން ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަން އަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ މައްސަލަ ހުށަހަޅުއްވާފައެވެ. މި މައްސަލައިގައި އދ. ގެ ވަރކިން ގްރޫޕްއިން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ބަލައިގެންފައިވާ ބޭފުޅުން ރާއްޖެ ވަޑައިގެން ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމުގައި އެޓަރނީ ޖެނެރެލްގެ އޮފީހުން ވަނީ ސިޓީއަކުން އަންގަވާފައެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުން ރާއްޖެ ވަޑައިގެން ސަރުކާރާއި ދައުލަތުގެ ބައެއް ވެރިންނާ ބައްދަލުކުރެއްވުމަށް މިހާރު އެދިވަޑައިގެންފައި ވާނެ ކަމަށާއި ވަކީލުން ބައްދަލުކުރެއްވުމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބާއި، އެޓަރނީ ޖެނެރެލް މުޙާއްމަދު އަނިލް އާއި، ފޮރިން މިނިސްޓަރ ދުންޔާ މަޢުމޫނާއި، ހޯމް މިނިސްޓަރ ޢުމަރު ނަސީރާއި، ޕްރޮސެކިއުޓަރ ޖެނެރެލް އަލްއުސްތާޛް މުޙްތާޒް މުޙްސިންގެ އަރިހުން ކަމަށް އަދި ރައީސް މުޙައްމަދު ނަޝީދާ މާފުށީ ޖަލުގައި ބައްދަލުކުރުމުގެ ފުރުޞަތަށް އެދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަށ މިހާރު ސިޓީ ފޮނުއްވާފައިވާނެ ކަމަށްވެސް ރައީސް ނަޝީދުގެ އޮފީހުން މައުލޫމާތު ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް