ގޭބަންދުގައި ބެހެއްޓުމަށްފަހު ޖަލަށް ބަދަލުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާ ބޭފުޅުންނަށް މިހާރު ޖަލަށް ޒިޔާރަތް ނުކުރެވޭނޭކަން ކަރެކްޝަންސް އިން އަންގާފައިވާކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ބޭއިންސާފު ޝަރީޢަތެއްގެ ވާސިތާއިން ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ރައީސް މުޙަންމަދު ނަޝީދުގެ ޢާއިލާ އެމަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރުމުގެ ޙައްޤުން މަޙްރޫމުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"ރައީސް ނަޝީދުގެ ޢާއިލާ ބޭފުޅުންނަށް އެމަނިކުފާނަށް ހަފުތާއަކު އެއްފަހަރު ޒިޔާރަތްކުރުމަށްދީފައިވާ ހަނި ފުރުސަތުގެ ތެރެއިންވެސް، އެމަނިކުފާނުގެ މައިންބަފައިންނާއި، އެއްބަނޑު އެއްބަފާ ބޭފުޅުންނަށް އެމަނިކުފާނާ ބައްދަލުނުކުރެވޭނަކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން މިއަދުވަނީ އަންގާފަ، މިއީ ރައީސް ނަޝީދާމެދު ސަރުކާރުން ހިންގަމުންގެންދާ އަނިޔާވެރިކަމުގެ ސިލްސިލާގެ ބޮޅެއްގެގޮތުގައި މެނުވީ ސިފަކުރެވޭކަށްނެތް" އެ ބަޔާނުގައި ވެ އެވެ.
އެ އޮފީހުން ބުނެފައި ވަނީ މިކަމަކީ ރައީސް ނަޝީދު ކުރިން ހައްޔަރުކޮށްފައި ހުންނެވިއިރު އެމަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރުމުގެ އުސޫލު ހަމަޖެހިފައިވާ އުސޫލާއި ޚިލާފަށް ނިންމާފައި ނިންމުމެއް ކަމަށާއި އަދި ދިވެހިރާއްޖޭގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ޤައިދީންނާ އެބައިމީހުންގެ ޢާއިލާއާ ބައްދަލުކުރުމަށް އޮންނަ ޢާންމު ހަމަތަކާއި ޚިލާފަށް، ރައީސް ނަޝީދަށް ސީދާ އަމާޒުކޮށް ނިންމާފައިވާ ނިންމުމެއްކަންވެސް ފާހަގަ ކުރާ ކަމަށެވެ.
"މީގެކުރިން މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ރައީސް ނަޝީދު ޖަލުގައި ބަހައްޓާފައި ހުރިއިރު، އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ބޭފުޅުންނާއި، މައިންބަފައިންނާއި، އެއްބަނޑު އެއްބަފާ ބޭފުޅުންނަށް އެމަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފުރުތަމަ ދީފައިމެ، އެފުރުސަތުވަނީ ހަމައެކަނި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ބޭފުޅުންނަށް އެކަނި އޮންނަގޮތަށް ހަނިކޮށްފައި" އެ ބަޔާނުގައި ވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް ނަޝީދު ގޭބަންދަށް ދާއިމީކޮށް ބަދަލުކުރުމަށްފަހު، 23 ޖުލައި 2015 ގައި ޤާނޫނާ ޚިލާފަށް އެމަނިކުފާނު އަލުން ޖަލަށް ގެންދިޔަ ފަހުން، އެމަނިކުފާނުގެ ޢާއިލާއަށް ސަރުކާރުން ކުރަމުންދާ ތުރާލާއި، ފުރައްސާރައާއި، އުނދަގޫތައްވަނީ ގިނަކޮށްފައިކަންވެސް ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް