ޔަމަނުގެ މިސްކިތެއްގައި އިއްޔެ ދިން ދެ ހަމަލާއެއްގައި 28 މީހަކު މަރުވެފައިވާއިރު އެ ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލައިފި އެވެ.
ޔަމަނުގެ ހޫތީންގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ބުނާގޮތުން އެ ހަމަލާގައި ޖުމްލަ 28 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ. ހަމަލާ ދީފައިވަނީ ޔަމަންގެ ވެރިރަށް ސަނާގެ ޖައްރާފް އަވަށުގައި ހުންނަ އަލް މޮއައްޔާދު މިސްކިތަށެވެ.
ހޫތީންނާ ހަވާލާދީ އެމީހުންގެ ކޮންޓްރޯލް އޮންނަ ސަބާ ނޫސް އޭޖެންސީން ބުނެފައިވަނީ އެންމެ ފުރަތަމަ ހަމަލާ އަމާޒުވީ މިސްކިތުގެ އެތެރެއަށް ކަމަށާއި އެ ހަމަލާ ދިނީ މީހަކު އަމިއްލައަށް ޖާނުން ފިދާޥެގެން ކަމަށެވެ. އަދި ދެވަނަ ހަމަލާދިނީ މިސްކިތުގެ ބޭރުން ހަމަ އެވަގުތު ކަމަށްވެސް ސަބާ ނޫސް އޭޖެންސީން ބުނެފައި ވެ އެވެ.
ހޫތީން ޔަމަނުގެ ވެރިރަށް ސަނާ އެމީހުންގެ ކޮންޓްރޯލް ދަށަށް ގެންދިޔައީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭރު އެގައުމުގައި ހިނގި ދާހިލީ ހަނގުރާމައިގާ 4500 އަށްވުރެ ގިނަ މީހުން މަރުވި އެވެ.
އިއްޔެ މިސްކިތަކަށް ހަމަލާދީފައިވާއިރު ވަރުގަދަ އެހެން ކަމެއްވެސް އެގައުމުގައި ހިނގާފައި ވެ އެވެ. އެއީ ރެޑްކްރޮސްގެ ދެ މުވައްޒަފެއްގެ ގަޔަށް ކާކުކަން ނޭންގޭ މީހަކު ބަޑިން ހަމަލާދީ މަރާލުމެވެ. ރެޑް ކްރޮސް އިން ބުނެފައިވަނީ މަދުން ނޫނީ ދިމާ ނުވާފަދަ ހިތާމަވެރި ހާދިސާއެއްގައި ދެ މުވައްޒަފަކު މަރުވެފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް